ދުނިޔޭގެ އެންމެ މުއްސަނދި ދެ މަހުޖަނުންވެސް އެޕްސްޓައިންގެ ކަޅު ފައިލުގައި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ބިލްގޭޓް އާއި އިލޮންމަސްކު ---
ކުޑަކުދިން ބޭނުންކޮށްގެން ޖިންސީ ކުށުގެ ވިޔަފާރިކޮށް ބޮޑު ނެޓްވޯކެއް ހިނގި އެމެރިކާގެ ބިލިޔަނަރު ޖެފްރީ އެޕްސްޓީންއާ ގުޅޭ އައު ފައިލްތަކުން އަނެއްކާވެސް އައު ކަންތައްތަކެއް ހާމަވެއްޖެއެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ ހުކުރު ދުވަހު، މިހާރު މަރުވެފައިވާ ޖެފްރީ އެޕްސްޓީންގެ ކުށުގެ މައްސަލަތަކުގެ ހެކިތަކާއި ތަޙްޤީޤަށް ހޯދާފައިވާ މައުލޫމާތުވެސް އާއްމުކޮށްފައެވެ. އޭގެތެރޭގައި 3 މިލިއަން ޞަފްޙާގެ ލިޔެކިޔުންތަކާއި ދެލައްކައެއްހައި ފޮޓޯގެ އިތުރުން، ދެހާހާވުރެ ގިނަ ވީޑިއޯ ކްލިޕް ހިމެނެއެވެ.
މިލިޔުންތައް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން ހުކުރު ދުވަހު އާންމުކުރީވެސް، އެޕްސްޓައިންއާ ގުޅުން ހުރި ހުރިހާ ލިޔެކިޔުންތަކެއް ޝާއިއު ކުރުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށްވުރެވެސް އެއް މަސް ދުވަސް ފަހުންނެވެ.
އަލަށް ހާމަވި ލިޔެކިޔުންތަކުން، މައިކްރޯސޮފްޓްގެ ބާނީ އަދި ބިލިޔަނަރު، ބިލްގޭޓްސް އާއި ދުނިޔޭގައި މިހާރު ހުރި އެންމެ މުއްސަނދި އެކަކު ކަމުގައިވާ އިލޮން މަސްކުގެ އަދި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި ޖެފްރީ އެޕްސްޓީންއާ ދެމެދު ގުޅުންތައް އޮތްކަން ވަނީ ހާމަވެފައެވެ.
ބިލްގޭޓްސް އާއި ގުޅޭ ގޮތުން އެޕްސްޓައިން ފައިލްސްއިން ފާހަގަވެފައިވާ ގޮތުގައި، ރަޝިޔާގެ އަންހެން ކުދިންތަކަކާއި އެކު ނުހަަމަ ގުޅުންތައް ހިންގުމަށް މަސްތުވާތަކެތި ހޯދުމަށް އޭނާ ވަނީ އެޕްސްޓައިންގެ އެހީއަށް އެދިފައެވެ. މިކަން ހާމަވެފައި ވަނީ، އެޕްސްޓައިންގެ އީމެއިލްގައިވާ ޑްރާފްޓް އީމެއިލްއަކުންނެވެ.
އެޕްސްޓައިންގެ އީމެއިލްތަކުން ހާމަވެފައިވާ ގޮތުގައި، ޓެސްލާގެ ބާނީ އަދި ބިލިއަނަރު އެލޮންމަސްކުވެސް ވަނީ ކެރީބިއަންގައި އޮންނަ އެޕްސްޓައިންގެ ޕްރައިވެޓް އައިލެންޑަށް 2012ވަނަ އަހަރާއި 2013 ވަނަ އަހަރުގެ ތެރޭގައި ތަފާތު އެތައް ފަހަރެއްގައި ޒިޔާރަތްކޮށްފައެވެ. އަދި އެންމެ ފޯރިގަދަ ޕާޓީ އޮންނާނީ ކޮން ރެޔަކުތޯ އިލޮންމަސްކް އެޕްސްޓައިން ގާތުގައި އަހާފައިވާކަންވެސް އީމެއިލްތަކުން ވަނީ ހާމަވެފައެވެ.
މީގެ އިތުރުން އެޕްސްޓައިންނާއި އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ގުޅުން އޮތްކަންވެސް ހާމަވެފައިވާއިރު، ކުޑަކުއްޖަކާއިއެކު ޓްރަމްޕް ބަދު އަޚުލާޤީ އަމަލު ހިންގިމަކަށްވެސް ވަނީ ތުހުމަތުކޮށްފައެވެ.
އެޕްސްޓައިންގެ ފައިލްތައް އެއްމަސް ދުވަހުގެ ތެރޭގައި ހާމަކުރަން ފާސްކޮށް، އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކުރި ދި އެޕްސްޓައިން ފައިލްސް ޓްރާންސްޕޭރަންސީ އެކްޓް ޓްރަމްޕް ތަސްދީޤުކުރެއްވީ، 19 ނޮވެމްބަރު 2019 ގައެވެ.
ކުޑަކުދިން ގުރޫމްކޮށް އެކުދިން ލައްވައި ޖިންސީ ކުށްތައް ކުރުވުމާއި، ކުޑަކުދިންގެ ބޭނުން ނުހަމަ ގޮތުގައި ހިފައި، ކުޑަކުދިން ބޭނުންކޮށްގެން ޖިންސީ ވިޔަފާރީގެ ނެޓްވޯކެއް އެޕްސްޓައިން ވަނީ ހިންގާފައެވެ. އޭނާ މަރުވީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ކަންކަމާއި ގުޅިގެން ޖަލުގައި ބަންދުކޮށްފައި ވަނިކޮށް އޭނާ އަމިއްލައަށް މަރުވީ، 2019 ވަނަ އަހަރުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް