Post banner
ރާއްޖެ

ޖޭއެސްސީއަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ބޭފުޅަކު ޢައްޔަނުކުރައްވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޖޭއެސްސީއަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ބޭފުޅަކު ޢައްޔަނުކުރައްވައިފި

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ޢައްޔަނުކުރެއްވި މެމްބަރު،

ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަމްސީލްކުރައްވާ މެމްބަރުގެ މަޤާމަށް، ގާނޫނީ ވަކީލު އަލީ ނަސީރު ގާސިމް ޢައްޔަނުކުރައްވައިފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ރިޔާސީ ދައުރުގެ ތެރޭގައި، އެކޮމިޝަންގެ މެމްބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ތަމްސީލްކުރައްވާ މެމްބަރުގެ ގޮތުގައި ޢައްޔަނުކުރެއްވި ތިންވަނަ ބޭފުޅާއެވެ. އެންމެ ފުރަތަމަ އެމަޤާމަށް ޢައްޔަނުކުރެއްވީ، އަލްއުސްތާޛު މުޙައްމަދު ސަމީރެވެ. އޭނާ މެމްބަރުކަމުން ވަކިކުރީ، ކުއްލިގޮތަކަށެވެ. އެއަށްފަހު އެމަޤާމަށް ޢައްޔަނުކުރެއްވީ، އަލްއުސްތާޛު ޔަޒްމީދު މުޙައްމަދެވެ. އޭނާ މަޤާމަށް އައްޔަނުކުރެއްވީ، ސްޕްރީމްކޯޓުގެ ތިން ފަނޑިޔާރުން މަޤާމުން ވަކިކުރުމުގެ މަސައްކަތް ސަރުކާރުން ފެށި ވަގުތުގައެވެ. ޔަޒްމީދު ޖޭއެސްސީގެ މެމްބަރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވީ، މި މެއި މަހުގެ 18 ވަނަ ދުވަހުގައެވެ. އޭނާ އިސްތިއުފާ ދެއްވި އިރު ހުންނަވީ ޖޭއެސްސީގެ ނައިބު ރައީސް ކަމުގެ މަޤާމުގައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރު ކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަނު ކުރެއްވި، ގާނޫނީ ވަކީލު އަލީ ނަސީރު ގާސިމްއަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވި އިރު، ސިޓީ ކައުންސިލްގެ ޤާނޫނީ ވަކީލުގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި މިހާރު މެމްބަރުން ތިއްބެވި ގޮތަށް ބަލާއިރު، ކޮމިޝަންގެ ފުރިހަމަ ކޮންޓްރޯލް އޮންނަނީ، ސަރުކާރަށެވެ. މިކަމުގެ ސަބަބުން ޖޭއެސްސީއަށް ސިޔާސީ ނުފޫޒުތައް ފޯރާކަމުގައި ޤާނޫނީ ދާއިރާގެ ބޭފުޅުންނާއި، ސިޔާސީ ފަރާތްތަކުންވެސް ފާހަގަކުރައްވައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް