ސީޕީގެ މަޤާމަށް އަޙްމަދު މުޙައްމަދު ޢައްޔަނު ކުރައްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ކޮމިޝަނަރ އޮފް ޕޮލިސް، އަޙްމަދު މުޙައްމަދު -- ފޮޓޯ: ޕޮލިސް
ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އަޙްމަދު މުޙައްމަދު (ޓޫފޯ) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދުި ޢައްޔަނުކުރައްވައިފިއެވެ.
އަޙްމަދު މުޙައްމަދަކީ، މިސަރުކާރުގައި ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ޢައްޔަނުކުރެއްވި ތިންވަނަ ބޭފުޅާއެވެ. އެންމެ ފުރަތަމަ އެ މަޤާމު އަދާކުރެއްވީ ޢަލީ ޝުޖާއުއެވެ. އޭނާ މަޤާމުން އިސްތިއުފާ ދެއްވީ، މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގައި ފުލުހުންނަށް އަމާޒުވި ތުހުމަތުތަކާއި އެކު ޒުވާނުން ކުރި އިޙްތިޖާޖުތަކުގެ ތެރެއިން ކުރިމަތިވި ޕްރެޝަރުތަކާއި އެކުގައެވެ. އޭގެ ފަހުން އެމަޤާމަށް ޢައްޔަނު ކުރެއްވި އިސްމާޢީލް ނަވީންއެވެ. ނަވީން މަޤާމުން ވަކިވީ ޚިދުމަތުން ރިޓަޔާކުރެއްވުމާއި ގުޅިގެންނެވެ.
އެމްޑީޕީގެ ސަރުކާރުގައި، އަޙްމަދު މުޙައްމަދު ފުލުހުންގެ ވަޒީފާއިން ވަކިކުރީ އޭނާގެ މައްޗަށް ކުރެވުނު ތުޙުމަތުތަކާއި ގުޅިގެންނެވެ. މިގޮތުން އޭނާ ވަޒީފާއިން ވަކިކުރީ ޕޮލިސް ބޯޑުގެ ލަފަޔާއިއެކު، 10 އޮކްޓޫބަރު 2021 ގައެވެ.
އަޙްމަދު މުޙައްމަދަށް އަލުން ވަޒީފާ ދެއްވައި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ހަމަޖެއްސީ މި ސަރުކާރު ވެރިކަމަށް އައުމަށް ފަހުގައެވެ.
އަޙްމަދު މުޙައްމަދަކީ، ވިލާ ކޮލެޖުން ބެޗެލަރ އޮފް ޝަރީޢާ އާއި މާސްޓަރ އޮގް ޝަރީޢާ ޑިގްރީ ޙާޞިލް ކުރައްވާފައިވާ ބޭފުޅެކެވެ.
އަޙްމަދު މުޙައްމަދު ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް މިއަދު ޢައްޔަނު ކުރެއްވުމާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އޭނާއަށް މަރުޚަބާ ދަންނަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް