ހުކުރު ދުވަހު ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެ ބިދޭސީން އަދިވެސް ނުފެނޭ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ގެއްލުނު މީހުން ހޯދުމަށް ހިންގާ އޮޕަރޭޝަންގެ ތެރެއިން -- ފޮޓޯ: އެމްއެންޑީއެފް
މިދިޔަ ހުކުރު ދުވަހު، ކ. ގާފަރު ކައިރިން ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލުނު ބިދޭސީ ދެ ފަޅުވެރިން މިހާތަނަށް ކުރި މަސައްކަތުންވެސް ފެނިފައި ނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، އެމްއެންޑީއެފް އެއަރ ކޯރއިން އެމީހުން ހޯދުމުގެ އޮޕަރޭޝަންގައި މިހާތަނަށް ކަނޑާއި ވައިގެ މަގުން 3580 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ބަލާފައި ވާކަމަށެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢިމާދުއްދީންއާއި ފާސްޓް އިންޓަސެޕްޓަރ ކްރާފްޓުން 441 އަކަ ނޯޓިކަލް މޭލްގެ ސަރަހައްދެއް ވަނީ ބަލާފައި ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މީގެއިތުރުން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ 675120 އަކަ މީޓަރުގެ ސަރަހައްދެއް ޑައިވްކޮށްގެން ބަލާފައި ކަމަށާއި، މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު ދެ މީހުން މިހާތަނަށް އަދި ހޯދިފައި ނުވާކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މި ދެ މީހުންނާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި، އެ ހިސާބުގެ ރަށްތަކުން ބައްލަވައިދެއްވުން އެދޭ ކަމުގައިވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. އަދި މި ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި އެ މައުލޫމާތެއް ހިއްސާކޮށްދެއްވުމަށް އެދޭ ކަމުގައިވެސް އެމްްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.
ހުކުރުދުވަހު މިހާދިސާ ހިނގި އިރު، އެ ކޮޅުވެއްޓީގައި ޖުމުލަ 10 މީހުން ތިއްބެވެ. އޭގެ ތެެރެއިން 8 މީހުން ވަނީ ސަލާމަތްވެފައެވެ. ގެއްލުނު 2 މީހުންނަކީ، ކޮޅުވެއްޓި އަޑިޔަށްދާން ފެށުމުން އެންމެ ފުރަތަމަ ކަނޑަށް ފުންމާލި ދެމީހުންކަމުގައި، އެމީހުންނާއި އެކު ކޮޅުވެއްޓިން ދަތުރުކުރި އެހެން މީހުންގެ ފަރާތުން މައުލޫމާތު ލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް