Post banner

ރަސްމާލެ މަޝްރޫޢު ކުރިިޔަށް ގެންދަން އާއްމު ޚިޔާލު ހޯދުމުގެ ވޯޓަކަށް ނުދާނެ ކަމުގައި ރައީސް ވިދާޅުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރަސްމާލެ މަޝްރޫޢު ކުރިިޔަށް ގެންދަން އާއްމު ޚިޔާލު ހޯދުމުގެ ވޯޓަކަށް ނުދާނެ ކަމުގައި ރައީސް ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --- ފޮޓޯ: ރައީސް އޮފީސް

ރަސްމާލެ މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް އާއްމު ޚިޔާލު ހޯދުމުގެ ވޯޓަކަށް ނުދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި، ޗެނަލް 13ގެ ނޫސްވެރިޔާ، މަރިޔަމް އިސާދާ އިސްމާޢީލް ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރަސްމާލެ މަޝްރޫޢާ ގުޅޭ ގޮތުން ރައްޔިތުން ކަންބޮޑުވާން ޖެހޭނެ ކަމެއް ނޯންނާނެ ކަމަށެވެ. އަދި މިހާރު މަޖިލީހަށް ހުށައެޅިފައިވާ ރިއަލްއެސްޓޭޓް ޤާނޫނުގައި، ދިވެހި ރައްޔިތުންނާއި، އަންނަން އޮތްޖީލުތަކުގެ މަސްލަޙަތު ހިމާޔަތް ކުރުމަށް މާއްދާތައް ހިމަނާފައިވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ، ރަސްމާލެ މަޝްރޫޢާއި މެދު ކަންބޮޑުވުމާއި ނުތަނަވަސްކަން އުފައްދަނީ، ސިޔާސީ ފަރާތްތަކުން ސިޔާސީ ބޭނުމެއްގައި ކަމަށެވެ.

"މިވާގޮތަކީ، ސިޔާސީ ފަރާތްތައް ނުވަތަ އިދިކޮޅުގައި ތިބި ފަރާތްތައް، އެފަރާތްތަކުން ބޭނުންވަނީ، ސިޔާސީ ގޮތުން ކޮންމެ ކަމެއްގައިވެސް ހަމަ، ރައްޔިތުންގެ ތެރޭގަިއ ހިތް ނުތަނަވަސް ކަމެއް އުފައްދަން. އެހެންވީމާ، ސިޔާސީ ބޭނުމެއްގައި، އެއްވެސް ޙަޤީޤަތެއް ނެތް ވާހަކަތަކެއް ދެއްކުން މިއޮންނަނީ، އާދައަކަށް ވެފައި."

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރަސްމާލެ މަޝްރޫޢު ހިންގާ ކުންފުނީގެ ވެރިޔާ އަލްއައްބާރު ސަރުކާރުގެ އިސްމަޤާމެއްގައި ހުރި "އަބްދުﷲ" ނަމަކަށް ކިޔާ މީހަކަށް ގިނަ އަދަދެއްގެ ފައިސާ ދީފައިވާ ކަމަށް ބުނެފައިވާ މައްސަލައިގައި، ޗެނަލް 13ގެ ނޫސްވެރިޔާ، މަރިޔަމް އިސާދާ އިސްމާޢީލް ސުވާލު ކުރުމުން ރައީސް ވަނީ އެކަންވެސް އެއީ ޙަޤީޤަތެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި މިސަރުކާރުން އަދި ސަރުކާރުގެ އެއްވެސް ވެރިއެއްވެސް އެގޮތަށް ފައިސާ ހޯދާފައި ނުވާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް އަލްއައްބާރު ވިދާޅުވި ޢަބްދުﷲއަކީ ކޮބައިކަން ބައްލަވާނެ ކަމާއި މެދު ރައީސް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ރަސްމާލެ މަޝްރޫޢަކީ، އެމަޝްރޫޢު ކުރިޔަށް ގެންދިޔުމަށް ސަރުކާރުން މިހާރު ރާވާފައިވާ ގޮތުގެ ސަބަބުން، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ގެއްލުންތައް ލިބި، އަންނަން އޮތް ޖީލުތަކުގެ ދަރިންނަށް ބޮޑެތި މައްސަލަތަކަކާއި ކުރިމަތިލާންޖެހޭނެ މަޝްރޫއެކެވެ. އަދި އެމަޝްރޫޢު ކުރިޔަށް ގެންދިޔުމުގެ ކުރިން އާއްމު ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ގޮވާލާއި އިދިކޮޅު ޕާޓީ އެމްޑީޕީން ޤަރާރެއް ފާސްކޮށްފައި ވާއިރު، މިމަހުގެ 15ގެ ކުރިން އާއްމު ޚިޔާލު ހޯދުމުގެ ވޯޓަކަށް ނުދާނަމަ، ސިލްސިލާ މުޒާހަރާތަކެއް ސަރުކާރާއި ދެކޮޅަށް ކުރިޔަށް ގެންދިޔުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް