ސަރުކާރުން ރުހޭ މީޑިއާތަކަކަށް ދައުވަތު ދީގެން ރައީސް މިއަދު ނޫސް ކޮންފަރެންސް ބާއްވަނީ
ލިޔުންތެރިޔާ
މިއަދު ބޭއްވުމަށް ހަމަޖައްސަވާފައި ނޫސްވެރިންގެ ބައްދަލުވުމަށް ރައީސް އޮފީހުން ވަނީ، ރައީސް އޮފީހުން ބޭނުންވާ ވަކިވަކި މީޑިއާތަކަށް ދައުވަތު ފޮނުވާފައިކަން އެނގިފައި ވެއެވެ.
މަޤާމުގެ ނުފޫޒު ނާޖާއިޒް ގޮތުގައި ބޭނުންކޮށް، ސަރުކާރުން ބޭނުންވާ ވަކިވަކި މީޑިއާތަކަކަށް ދައުވަތު ދީގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމަވައިފިއެވެ.
މިއަދު ބޭއްވުމަށް ހަމަޖައްސަވާފައި ނޫސްވެރިންގެ ބައްދަލުވުމަށް ރައީސް އޮފީހުން ވަނީ، ރައީސް އޮފީހުން ބޭނުންވާ ވަކިވަކި މީޑިއާތަކަށް ދައުވަތު ފޮނުވާފައިކަން އެނގިފައި ވެއެވެ. މިގޮތުން ދައުވަތު ފޮނުވާފައި ވަނީ، ޕީއެންސީގެ މެމްބަރުންގެ ގޮތުގައި ތިބި ފަރާތްތަކުން ރަޖިސްޓްރީކޮށް، ހިންގަމުން އަންނަ ނޫސްތަކަށާއި، ސަރުކާރަށް ތާއީދު ކުރާ މީޑިއާތަކަށެވެ. ވަކިވަކިން މީޑިއާތަކަށް ދައުވަތު ފޮނުވާފައި ވާއިރު، ރައީސުލްޖުމްހޫރިއްޔާ މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާތޯ، އެހެން މީޑިއާތަކުން ސުވާލު ކުރުމުންވެސް އެސުވާލަށް ރައީސް އޮފީހުން ޖަވާބު ދީފައެއް ނުވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނޫސްކޮށްފަރެންސްގައި ބައިވެރިކުރަން ބޭނުންވާ މީޑިއާތަކަށް ފޮނުވި މެސެޖުގައި، އެ ނޫސްވެރިންގެ ބައްދަލުވުން އޮންނާނެކަމަށް ބުނެފައި ވަނީ، މިއަދު ހެނދުނު 10:00 އިން 11:00އަށެވެ.
ރާއްޖޭގައި ޖުމްލަ 377 ނޫސް، މަޖައްލާ އަދި ބްރޯޑްކާސްޓަރުން ތިބޭއިރު، ރައީސް އޮފީހުން ބޭނުންވާ ވަކިބަޔަކަށް އެކަނި ފުރުޞަތުދީގެން، ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވުމަކީ، މަޤާމުގެ ނުފޫޒު ނާޖާއިޒް ގޮތުގައި ބޭނުންކޮށްގެން ވަކި ބަޔަކަށް މަންފާ ހޯދައިދެވޭ ކޮރަޕްޝަންގެ ސާފު އަމަލެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިގޮތަށް ޢަމަލުކުރަން ފެށުމާއި ގުޅިގެން، ރަސްމީކޮށް އެކަމުގެ ޝަކުވާ މީޑިއާތަކުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށައަޅާފައި ވާއިރު، އެކޮމިޝަނުންވެސް އެކަމުގައި އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅާފައެެއް ނުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ އެންމެ ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވެވީ، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުގައެވެ. އެދުވަހުވެސް ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައި ވަނީ، ސަރުކާރުން ބޭނުންވާ ވަކިވަކި މީޑިއާތަކަކަށް ދައުވަތު ދީގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް