ޓުއާ އޮޕަރޭޓަރުން އަތުން ނަގަން ނިންމި ޓެކްސް ކަނޑާލަން ހުށައެޅި ބިލް ކޮމިޓީން ފާސްކޮށްފި
ލިޔުންތެރިޔާ
ރައްޔިތުންގެ މަޖިލިސް ----
ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނަގަން ގާނޫނަށް ގެނައި ބަދަލު ގެނެސް މަޖިލީހުން ފާސްކުރިތާ ދެމަސްވެސް ނުވަނީސް، އެނިންމުން ބަދަލުކުރުމަށް މަޖިލީހަށް ހުށައެޅި ބިލް، ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ފާސްކޮށްފިއެވެ.
މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހް ގެނެސް ބޭރުގެ ޓުއަ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނަގަން ނިންމައި ރައްޔިތުންގެ މަޖިލީހުން އެބިލް ފާސްކުރީ، އޯގަސްޓް މަހުގެ 28 ވަނަ ދުވަހުގައެވެ. އެބިލް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވީ، އޯގަސްޓް މަހުގެ 31 ވަނަ ދުވަހުގައެވެ.
އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ޤާނޫނަށް ޢަމަލު ކުރަން ފެށި އިރު، އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު ސަރުކާރުން ވަނީ، އައު އިސްލާޙެއް ހުށައަޅައި ސަރުކާރުގެ ނިންމުން ބަދަލު ކުރާނެ ކަމަށް ބުނެފައެވެ. މިގޮތުން އެ ޤާނޫނު އަލުން އިސްލާޙް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށައެޅި، ހުސްވި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގައެވެ.
މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހް ގެނެސް ބޭރުގެ ޓުއަ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނަގަން ސަރުކާރުން ނިންމައި މަޖިލީހުން އެގޮތަށް ފާސްކުރީވެސް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން އެކަމާއި މެދު ކަންބޮޑުވުންތައް ފާޅުކުރަމުން ދަނިކޮށެވެ. އަދި ބޭރުގެ ބޮޑެތި ބައެއް ޓުއާ އޮޕަރޭޓަރުން ރާއްޖެއަށް ބުކިންތައް ނެގުންވެސް އެކަމާއި ގުޅިގެން ހުއްޓާލާފައި ވެއެވެ.
ޤާނޫނަށް ބަދަލުގެނެސް، ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ނަގަން ކަނޑައެޅި ޓެކްސް ނުނަގާގޮތަށް، ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ފާސްކުރި އިރު، ޖީއެސްޓީ ނަގާ އާމްދަނީ 1.5 މިލިއަން ރުފިޔާއަށް އިތުރުކުރުމަށް ވަނީ ހުށައަޅާފައެވެ.
ސަރުކާރުގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން ޓެކްސް ނެގުމުގެ ޤާނޫނުތަކަށް ބަދަލު ގެނެސް އިތުރު ޓެކްސްތައް ނަގައިގެން ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް