ވާހަކަ

ކުރުވާހަކަ: އެއަރ ޓްރެފިކް ކޮންޓްރޯލަރ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކުރުވާހަކަ: އެއަރ ޓްރެފިކް ކޮންޓްރޯލަރ

ކާޑެއްދޫ އެއާޕޯޓުން ފުރަން ހަމަޖެހިފައި އޮތް އެންމެ ފަހު ފްލައިޓް އުދުހިގެން ދިއުމާއި އެކު ނިޒާމް ގޮނޑިން ތެދުވެ ފުންނޭވާއެއް ލިއެވެ. އޭރު ގަޑިން މެންދަމުން އަލިވެ ތިނެއް ޖެހީއެވެ. އޭނާއާއި އެކު ޑިއުޓީގައި ދެންހުރި ފިރުޝާން ނިޒާމްއަށް ވުރެ ކުރިން ތެދުވެ ތިރިއަށް ދިޔުމުން ކޮންޓްރޯލް ރޫމުގައި އޭނާ އެކަނިވީއެވެ.

ގެއަށްދާން ހިތަށް އަރާފައިވެސް ވިއްސާރަ ރެއަކަށް ވާތީ، ނިޒާމް ނިންމީ އިރުއަރަންދެން އޮފީހުގައި މަޑުކޮށްލާށެވެ. ދެންޑިއުޓީއަށް އަންނަންޖެހޭ ކުއްޖާވެސް ވިއްސާރަވުމުން ނައިސް ލަސްވާތީ އާއިވެސް އެކުގައެވެ. ދެން އެންމެ އަވަހަށްވެސް ފްލައިޓެއް ޖައްސަން އޮތީ ހެނދުނު 6:30 ގައި ކަމުން މާބޮޑު ކަންބޮޑުވުމެއް ނެތެވެ. ދުވާލަކު އެންމެ ހައެއް ނުވަތަ ފަސް ފްލައިޓް ޖައްސާ އެއާޕޯޓެއްގެ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރު ބެލެހެއްޓުމަކީ މާއުނދަގޫ ކަމެއް ނޫނެވެ.

ދަބަހުން ދަޅެއް ނަގައި ކަނޑާލައި ތުނބުގައި ޖެހިވަގުތު ރާޑަރުގެ ސްކްރީނަށް ނިޒާމްއަށް ބަލާލެވުނީ އިހްތިޔާރަކާއި ނުލައެވެ. އޭނާ ހައިރާންވީ އެއެއާޕޯޓްގެ އެއާޓްރެފިކްގެ ތެރެއިން ކުއްލިއަކަށް ބޯޓެއް ފެންނަން ފެށުމުންނެވެ. ނިޒާމް ރާޑަރުގެ ސްކްރީނާއި ގާތްވެލިއެވެ. އެބޯޓު ދަތުރުކުރަމުން އަންނަނީ އިރުން ހުޅަނގަށެވެ. ބޯޓުގެ މިސްރާބު ހުރީ ކާޑެއްދޫ އެއާޕޯޓާއި ދިމާއަށެވެ.

ނިޒާމް މޭޒުކައިރީ އިށީނދެ ރޭޑިއޯ ސެޓުން ބޯޓާއި ގުޅޭތޯ މަސައްކަތްފެށިއެވެ. އެތައް އިރެއްވާންދެން ގޮވާ ގޮވާވެސް ޖަވާބެއް ނުލިބުނެވެ. ބޯޓު ކާޑެއްދޫ އެއާޕޯޓާއި ހުރެ ގާތްވަމުން އާދެއެވެ.

އޭރު އައްޑޫއިން ފުރައިގެން ހުޅުލެއަށް ދަތުރު ކުރަމުންދާ ބޯޓެއް އެސަރަހައްދުން ހަމަ އެއުސްމިނުގައި ދަތުރު ކުރަމުންދިޔުމާއި އެކު ގޮތް ނޭނގޭ މިބޯޓުގެ ސަބަބުން ނިޒާމް ބިރުގެންފިއެވެ. ހުޅުލޭ ކޮންޓްރޯލް ޓަވަރުގައި ހުރި އެއާޓްރެފިކް ކޮންޓްރޯލާއަށް ނިޒާމް އެމައުލޫމާތު ދީފިއެވެ. އަދި ވައިފޭރިގެންފައިވާ އެއްވެސް ބޯޓެއްގެ މައުލޫމާތެއް އުޅޭތޯ ބަލައިދިނުމަށް އެދުނެެވެ.

ފިރުޝާނަށް އަދި ތިނަދޫއަށް ދިޔުމަށް ފެރީއަށް ނޭރޭނެކަން ޔަޤީންވާތީ، އޭނާއަށް ގުޅޭތޯ ނިޒާމް އުޅުނެވެ. އެކަމަކު އަތްތުރުތުރު އަޅާވަރުން ފޯނުގެ ރިސީވަރުވެސް އޭނާއަށް ނުހިފެހެއްޓެއެވެ. ރަނގަޅަށް ނަމްބަރު ޖެހުނީވެސް އެތައް ފަހަރަކު މަސައްކަތް ކޮށްެގެންނެވެ. ފިރުޝާންގެ ފޯނަށް ދެފަހަރަށް ގުޅުމުންވެސް އިވުނީ އޮަޕަރޭޓަރު ތިޔަކޯލް މިވަގުތު ގުޅައިދެވޭކަށް ނެތޭ ބުނާ އަޑެވެ.

އެއާޕޯޓު އެމާޖެންސީ ހާލަތަށް ގެނައުމަށްޓަކައި ޑިއުޓީ އޮފިސަރަށް ރިޕޯޓްކުރުމަށް ނިޒާމް ހަމަޑައިލް ކޮއްލިތަނާ ކުއްލިއަކަށް މުޅި އެއާޕޯޓުން ކަރަންޓް ކެނޑިއްޖެއެވެ. ކޮންޓްރޯލް ރޫމުގެ ތެރެއަށް ވެރިވި ކަނު އަނދިރިކަމުގެ ތެރޭގައި ކިރިޔާވެސް ތަނެއް ފެންނަނީ ބެކަޕް ޕަވަރގައި މަސައްކަތްކޮށްކޮށް ހުރި ސިސްޓަމް ތަކުން ތަނުގެ ތެރެއަށް ވެރިވެފައިވާ އަލިކަމުންނެވެ. ނިޒާމް އޭނާގެ މޮބައިލް ފޯނު ނެގިއެވެ. ކަރަންޓް ކެނޑުމާއި އެކު ފޯނުގެ ރޭންޖްވެސް ކެނޑުނީއެވެ.

އަނެއްކާވެސް ރޭޑިއޯ ސެޓުން ކާޑެއްދޫ އެއާޕޯޓަށް ގޮވާއަޑު އިވުމުން ބިރުގެންފައި ހުރި ނިޒާމް ޖަވާބު ދިނެވެ. ހުޅުލޭ އެއާޕޯޓުގެ އެއާޓްރެފިކް ކޮންޓްރޯލުން އޭނާއަށް އެންގީ އެއްެވެސް ބޯޓެއް ވައިފޭރިފައިވާ ކަމުގެ މައުލޫމާތެއް ނެތްކަމަށެެވެ. އަދި ރާޑަރުންވެސް އެފަދަ ބޯޓެއް ނުފެންނަ ކަމަށެވެ.

ނިޒާމް ހައިރާންވި އެވެ. މިހާރު ދުރުން އޭނާގެ ލޮލަށް އެބޯޓުގެ އަލިވެސް ފެންނަން ފަަށައިފިއެވެ. އޭރު ބޯޓު އޮތީ ގާތްގަނޑަކަށް ދިހަ ހާސް ފޫޓަށް ވުރެވެސް ތިރީގައެވެ. ބޯޓުގެ މިސްރާބު ހުރި ގޮތުން އެބޯޓު އެއަންނަނީ ކާޑެއްދޫ އެއާޕޯޓުގައި ޖައްސަންކަން ޝައްކެއް ނެތް މިންވަރަށް ނިޒާމްއަށް ޔަޤީނެވެ. އަނެއްކާވެސް ނިޒާމް ރޭޑިއޯ ސެޓުން ބޯޓާއި ގުޅޭތޯ ގޮވަމުން ދިޔައެވެ. އެކަމަކު އެއްވެސް ޖަވާބެއް ނުލިބުނެވެ.

ޓަވަރުން ބޭރަށް ބެލްކަންޏަށް ނުކުމެވެން ހުރި ދޮރު ހުޅުވާލުމާއި އެކު ވެހެމުންދިޔަ ތުނިވާރޭގެ ތިކިތަކާއި އެކު ތެތްފިނި ވައިރޯޅިތައް އައިސް ނިޒާމްގެ ގައިގައި ބީހިލުމާއި އެކު އޭނާ ތުރުތުރު އަޅައިގަތެވެ. މުޅި އެއާޕޯޓުން ކަރަންޓް ކެނޑިފައި ވުމާއި އެކު ރަންވޭވެސް ފެންނަ ވަރެއް ނުވެއެވެ.

މުޅި ސަރަހައްދުންވެސް މީހެއްގެ ހިލަމެއްވެސް ނެތެވެ. ނިޒާމް އެތެރެއަށް ވަދެ އަނެއްކާވެސް ބޯޓަށް ގޮވަން ފަށައިފިއެވެ. އޭރު ބޯޓު އައީ ތިރިކުރަމުންނެވެ. ބޯޓުގެ ލައިޓްތަކުން ރަންވޭގެ މައްޗަށް އެޅުނު އަލިން ރަންވޭގެ ފާހަގަތައް ދިއްލިގެން ދިޔައެވެ. ސިކުންތު ކޮޅެއްގެ ތެރޭގައި އެބޯޓު ރަންވޭގައި ޖައްސައިފިއެވެ. އެކަމަކު ބޯޓު ރަންވޭ މަތީގައި މަޑުނުވެ އެދިޔަ ގޮތަށް ގޮސް ރަންވޭ ނިމޭކޮޅާއި ހަމައަށް ދިޔައެވެ. ދެންނިޒާމަށް ފެނުނީ މައްޗަށް އަރައިގެން ދިޔަ ވަރުގަދަ އަލިފާން ބޯޅައެކެވެ. ފްލައިޓް ގޮވީއެވެ.

މުޅިތަން ދިއްލިގެން ދިޔަ ވަރުގަދަ އައްޔާއި އިވުނު ގަދަފަދަ އަޑުފައްގަނޑާއި އެކު ނިޒާމްއަށް ފުންމައިގެން ތެދުވެވުނެވެ. އޭނާ ދެކަންފަތް މަތީގައި އަތް އެޅިއެވެ. ދެލޯމަރައި ބާރުކޮށްލިއެވެ.

ނިޒާމް އަށް ލޯހުޅުވާލުމާއި އެކު ކޮންޓްރޯލް ރޫމުގެ ތެރޭގައި އަލި ގަދަކަމުން އޭނާއަށް ރަނގަޅަކަށް ލޮލެއް ނުހުޅުވުނެވެ. ދެލޯ ރަނގަޅަށް އުނގުޅާލުމަށް ފަހު އޭނާ ތަންތަން ބަލާލިއެވެ. ކަރަންޓްގެ އަލިން މުޅިތަން ދިއްލިފައިވާތީ، ނިޒާމް އަށް ފެނުނެވެ.

އޭނާ ހައިރާންވިއެވެ. ކަރަންޓް އައީ ކޮންއިރަކު ކަން ނޭނގިގެންނެވެ. ދެން އޭނާ ސިސްޓަމްތަކަށް ބަލާލިއެވެ. އެތަކެތި ބަރާބަރަށް މަސައްކަތްކޮށް ހުއްޓެވެ. ދެންއޭނާ ބަލާލީ މޭޒުމަތީގައި އޮތް އޭނާގެ ދަބަހަށެވެ. އޭނާ ބޯންނެގި ދަޅެއްވެސް މޭޒުމައްޗަކު ނެތެވެ. ނިޒާމް ވިސްނާލިއެވެ. އޭނާއަށް ހުވަފެނެއް ފެނުނީ ހެއްޔެވެ؟ ޔަޤީންކޮށްލުމުގެ ގޮތުން އޭނާ މޭޒުމަތީ ފޯނުގެ ޑިޖިޓަލް ލޮގް ޗެކްކޮށްލިއެވެ. އެއްވެސް މީހަކަށް ޑައިލްކުރެވިފައެއް ނެތެވެ. 

ނިޒާމް ފޯނުކައިރިއަށް ގޮސް އިންޓަކަމް އިން އެރައިވަލް ޓާމިނަލަށް ގުޅާލިއެވެ. އަދި އެތާނގައި އިންކުއްޖާ ގާތުގައި ދެންމެ ބޯޓެއް ޖެއްސިތޯ އެހުމުން އޭނާވީ ހައިރާނެވެ. ޖަވާބެއް ދިނުމުގެ ބަދަލުގައި އޭނާ ކުރީ ސުވާލެކެވެ. އެއާ ޓްރެފިކް ކޮންޓްރޯލާއަށް ނޭގި ބޯޓެއް ޖެއްސިދާނެތޯއެވެ.

ދެން ޑިއުޓީއަށް އަންނަންޖެހޭ ކުއްޖާ އައިސް ޓަވަރުގެ މަތީގައި ހުރި ކޮންޓްރޯލް ރޫމުގެ ތެރެއަށް ވަނީ އެވަގުތުގައެވެ. ކަމެއް ހިނގައިފި ކަމުގެ އެއްވެސް އަލާމާތެއް އޭނާގެ މޫނުމައްޗަކު ނެތެެވެ.

މިރޭ ކަރަންޓް ކެނޑުނުތޯ ނިޒާމް އޭނާ އާއި ސުވާލު ކުރުމުން އޭނާ ބޯހޫރުވައި ލިއެވެ. އެއީ ފެނުނު ހުވަފެނެއް ކަމުގައި ޤަބޫލުކޮށް ނިޒާމް ހަމަޖެހިލަން މަސައްކަތް ކުރިއެވެ. އެކަމަކުވެސް ނިޒާމްގެ ހިތަށް ފިނިކަމެއް ނުލިބުމުން ތިރިއަށް ހިނގައްޖެއެވެ.

ގްރައުންޑް ހޭންޑްލިންގެ ސްޓާފަކާއި އެކު ނިޒާމް ރަންވޭ ޗެކްކޮށްލުމަށް ވެހިކަލެއްގައި ނުކުތެވެ. ރަންވޭ މަތީގައި ވެހިކަލް ދުއްވަމުން ދިޔައިރު އާދަޔާއި ޚިލާފް އެއްވެސް ކަމެއް ފާހަގައެއް ނުކުރެވުނެވެ. އެކަމަކު ރަންވޭގެ ނިމޭކޮޅަށް ގޮސް ބަލާލިއިރު އެސަރަހައްދުގެ ބައެއް ވިނަތައް ވަނީ އަނދާފައެވެ. ބައެއް ގަސްތަކުގެ ފަތްތައް ހުރީ ކަޅުވެފައެވެ.

ނިޒާމްގެ ހިތަށް ބިރުވެރިކަން ވަނެވެ. ތުނިތުނިކޮށް ވެހެމުން ދިޔަ ވާރޭގައި ނިޒާމް ވެހިކަލުން ފައިބައި ވިނަތައް ބަލަން ފެށިއެވެ. ބޮޑު ސަރަހައްދެއްގެ ވިނަތައް ވަނީ އަނދާފައެވެ. އެހެން ނަމަވެސް އެނޫން އެއްވެސް އެއްޗެއް ފެންނަން ނެތެވެ. ބޯޓެއް ވެއްޓުނުނަމަ ގައިމު އެބޯޓުގެ ބައިތައް ހުންނަންވާނެތާއެވެ.

ނިޒާމާއި އެކު އައި މުވައްޒަފު ނިޒާމް އާއި ސުވާލު ކުރިއެވެ. ވެގެން އުޅޭ ގޮތަކާއި ބެހޭ ގޮތުންނެވެ. އެކަމަކު  ނިޒާމް އެވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. އޭނާ ނިންމީ ގަސްތައް އަނދާފައި އެހުރީ ހޮނުއެޅުމުގެ ސަބަބުން ކަމަށެވެ. އޭރުވެސް ގަދައަށް ވިދައި ބާރަށް ގުގުރަމުން ދިޔުމާއި އެކުގައެވެ.

ވެހިކަލްގައި ރަންވޭމަތި ބަލާފައި ޓަވަރު ކައިރިއަށް އައި އިރުވެސް ނިޒާމް ހުރީ ދެފިކުރުގައެވެ. އެއީ ހުވަފެނެއްކަން ނުވަތަ ހަޤީގަތެއްކަން ޤަބޫލުކުރަން ނޭނގިފައެވެ. އެކަމަކު އޭނާއަށް އެއްކަމެއް ވިސްނުނެވެ. އެއީ ހިނގިކަމެއް ނަމަ އެއާޕޯޓުގައި ދެންތިބި ސްޓާފުންނަށްވެސް އެމަންޒަރުތައް ފެންނަން ޖެހޭނެތީއެވެ.

ކޮންޓްރޯލް ރޫމަށް ވަދެފައި ނިޒާމް ހަމަޖެހިލެވޭތޯ މަސައްކަތް ކުރިއެވެ. އަދި މޭޒުމަތީގައި އޮތް ދަބަސް ހުޅުވާލިއެވެ. އޭނާ މީގެ އިރުކޮޅެއް ކުރިން ކެނޑީތީ ފެނުނު ދަޅު ނުކަނޑާ ދަޅެއްގެ ގޮތުގައި، ދަބަސް ތެރޭގައި އޮތެވެ. އެހެން ކަމުން އެއީ ފެނުނު ހުވަފެނެއްކަމުގައި ނިޒާމްގެ ހިތަށް ޤަބޫލު ކުރެވުނު ވަގުތު ހީވީ، ހޭލައި ހުއްޓައި ހުވަފެން ފެނޭ ހެއްޔޭ މީހަކު އޭނާގެ ކަންފަތްދޮށުގައި ބުނިހެންނެވެ.

ކޮފީ ދަޅު ކަނޑާލައި ތުނބުގައި ޖަހާފައި ނިޒާމަަށް ބޭއިޚްތިޔާރުގައި ރާޑަރުގެ ސްކްރީނަށް ބަލާލެވުނު ވަގުތު ރާޑަރުން ބޯޓެއް ފެނިއްޖެއެވެ. ނިޒާމްގެ ދެލޯ ބޮޑުވިއެވެ. ބިރުގެންފިއެވެ. ނިޒާމް ރާޑަރުގެ ސްކްރީނާއި ގާތްވެލިއެވެ. އެބޯޓު ދަތުރުކުރަމުން އަންނަނީ އުތުރުން ދެކުނަށެވެ. ބޯޓުގެ މިސްރާބު ހުރީ ކާޑެއްދޫ އެއާޕޯޓާއި ދިމާއަށެވެ.

"މީ ކޮން ފްލައިޓެއް" އެއާޓްރެފިކް ކޮންޓްރޯލުގައި ދެން އިންކުއްޖާވެސް ހައިރާން ކަމާއި އެކު ނިޒާމް އާއި ސުވާލުކޮށްލިއެވެ.

ނިޒާމްއަށް ޖެހެވުނީ ފަހަތަށެވެ. ހީވަނީ ދެންވާނެ ގޮތް އޭނާއަށް އެނގުނީ ހެންނެވެ. އޭނާ ތުރުތުރު އަޅައިގެންފިއެވެ. އެވަގުތު ފްލައިޓުން ކާޑެއްދޫ އެއާޕޯޓަށް ގޮަވަން ފަށައިފިއެވެ. ޖަވާބު ދިނީ ދެންހުރި ކުއްޖާއެވެ. ނިޒާމްއަށް ގަނޑުވެފައި ހުރެވުނީއެވެ. އޭނާގެ އަތްފައި ތުރުތުރުއަޅަނީއެވެ.

ފްލައިޓުން މައުލޫމާތު ދިނީ ގަން އެއާޕޯޓުން މާލެއަށް ފުރި އެބޯޓުގެ އެއްއިންޖީނަށް މައްސަލަދިމާވަމުން ދާކަމަށެވެ. އިމަޖެންސީގައި އެއާޕޯޓަށް ޖައްސަން ބޭނުންވާ ކަމަށެވެ. ވަގުތެއް ނެތް ކަމަށެވެ. ކަމުގެ ސީރިއަސްކަމާއި އެކުވެސް ނިޒާމަށް ހަމަ ހުރެވެނީއެވެ. އެއާޓްރެފިކް ކޮންޓްރޯލުން ކަމާބެހޭ ޑިޕާޓްމަންޓް ތަކަށް އެންގުމަށް އެމާޖެންސީ އެލާމް އަޅަން ފަށައިފިއެވެ. ވާހަކަދައްކައި ކޮމިއުނިކޭޓް ކުރާނެ ވަގުތު ނެތުމާއިއެކު ގައެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އެއާޕޯޓުގެ މުވައްޒަފުންތައް ކޮޅުކޮޅު މައްޗަށް ދުއްވައިގެންފިއެވެ. އޮފްޑިއުޓީގައި ތިބި މުވައްޒަފުންގެ ތެރެއިން ވިއްސާރައިގައި ޖެހި ގެއަށް ނުދެވިފައި ތިބި މުވައްޒަފުންތައްވެސް ހަރަކާތްތެރިވާން ފަށައިފިއެވެ.

އިސާހިތަކު ފަޔަރލޮރީތައް ނުކުމެ ތައްޔާރީ ހާލަތަށް އައިސްފިއެވެ. ބޯޓު ރަންވޭއަށް ތިރި ކުރަމުން ދިޔައިރު، ބޯޓު ދެފަރާތަށް އަރިއަޅަމުން ހޫރެމުންދާ މަންޒަރުފެނިފައި ކޮންމެ މީހަކުވެސް ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. ބޯޓުރަންވޭގައި ނުޖެހެނީ އެއާޓްރެފިކް ކޮންޓްރޯލް ރޫމުތެރެއިން ބަންކިޔާފައި އެއްޗެއް ވެއްޓުނު އަޑު ވިގެންދިޔައެވެ. ނިޒާމް ޚަބަރު ހުސްވެގެން ވެއްޓުނީއެވެ.

ނިޒާމާއި ދިމާއަށް ދުއްވައިގަންނަ އުޅެފައިވެސް ޖައްސަމުން ދިޔަ ބޯޓުގެ ޕައިލެޓް ﷲ އަކުބަރޭ ގޮވާލި އަޑު އިވިފައި އެކުއްޖާއަށް ނޭވާ ހިފަހައްޓާލައިގެން ރަންވޭމައްޗަށް ބޯޓާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ބާރު ގަދަ އަޑުފައްގަނޑާއި އެކު ބޯޓުގެ ފުރޮޅުދަށުން ބުރައިގެން ދިޔަ އަލިފާން ކަނިތައް ފެނިފައި އެއާޓްރެފިކް ކޮންޓްރޯލާއަށްވެސް އެޅުނީ މޭގައި އަތެވެ. ބަލަން ނުކެރިގެން ދެލޯމަރާލީއެވެ.

އޭނާވެސް ދެލޯ ހުޅުވާލީ އިރުގަނޑެއް ފަހުންނެވެ. ރޭޑިއޯ ސެޓުން ޕައިލެޓް ހަމްދުއެޅި އަޑު އިވުމުންނެވެ. އޭރު ބޯޓު އޮތީ ރަންވޭގެ ނިމޭކޮޅުގައި މަޑުވެފައެވެ. ފަޔާލޮރީތަކުން ފެންޖަހަމުން ގެންދެއެވެ. އެއްވެސް މީހަކަށް އަދި ބޯޓަށްވެސް މާބޮޑު ގެއްލުމެއް ނުވެ ސަލާމަތްވީއެވެ.

އެއާޓްރެފިކް ކޮންޓްރޯލުގައި ޑިއުޓީގައި ހުރި ކުއްޖާ ނިޒާމްގެ މޫނުގައި ފެންހާކައި އޭނާ ހޭއެރުވުމާއި އެކު ކްރޭޝްވީހޭ ކިޔައި ފެށީ ރޯށެވެ. އެކުއްޖާއަށް ޖެހުނީ، ފުރަތަމަ ނިޒާމް ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރާށެވެ.

ރަންވޭމަތީގައި ސަލާމަތުން އޮތް ބޯޓާއި އެބޯޓުން ފައިބަމުންދާ މީހުން ފެނިފައި ނިޒާމް ފުންނޭވާއެއް ދޫކޮށްލިއެވެ. އެކަމަކު އޭނާހުރީ ބިރުގެންފައެވެ. ހުވަފެނެއްކަން ހަޤީޤަތެއްކަން ނޭނގޭ ކަންތައްތަކެއް އޭނާއާއި ކުރިމަތިވުމުންނެވެ. އެކަމުގެ ސަބަބުން އޭނާއަށް އެވަޒީފާގައި އިތުރަށް ދެމިހުންނަން ނުކެރި ވަޒީފައިން ވަކިވީއެވެ. އެހެނީ އެއީ ހުވަފެނެއްކަން ނުވަތަ ހަޤީޤަތެއްކަން ނިންމާކަށް އޭނާއަކަށް ނޭނގުނެވެ.

---ނިމުނީ---

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް