Post banner
ރާއްޖެ

އިޓަލީ ޑައިވަރުން ހޯދުމުގެ މަސައްކަތުގައި ފުލުހުން ކުރި މަސައްކަތް ފާހަގަކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އިޓަލީ ޑައިވަރުން ހޯދުމުގެ މަސައްކަތުގައި ފުލުހުން ކުރި މަސައްކަތް ފާހަގަކޮށްފި

އިޓަލީގެ ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރި ފުލުހުންގެ ޑައިވަރުން -- ފޮޓޯ: ޕޮލިސް

ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައަށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންގެ ޑައިވަރުންގެ ޓީމުން ކުރި ބުރަ މަސައްކަތް ފާހަގަކުރައްވައި، އެޓީމުގައި ހިމެނޭ ފުލުހުންނާއި ބައްދަލުކުރައްވައި، ހޯމް މިނިސްޓަރ ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުހައްމަދު އެފުލުހުންނަށް ސާބަސް ދެއްވައިފިއެވެ.

މިބައްދަލުވުން ބާއްވާފައި ވަނީ އިއްޔެ ކަމުގައި ފުލުހުންގެ އިދާރާއިން ހާމަކުރެއްވިއެވެ.

ފުލުހުންގެ މެރިންކޯގައި ހިމެނޭ ފުލުހުންގެ ޑައިވްޓީމަކީ، އިޓަލީ ޑައިވަރުން ހޯދުމުގެ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވި ޓީމެކެވެ. ހޮހަޅައަށް ފީނުމުގެ ތެރޭގައި، ނިޔާވި، އެމްއެންޑީއެފްގެ ސާރޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަޙުދީގެ ހަށިގަނޑު ހޮހަޅައިގެ ތެރެއިން ނެގީ، ފުލުހުންގެ ޑައިވަރުންގެ ޓީމުންނެވެ. މި އޮޕަރޭޝަނުގައި ބައިވެރިވީ ފުލުހުންގެ މެރިންކޯގެ 5 ޑައިވަރުންނެވެ.

ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައިގެ ތެރޭގައި މަރުވި އިޓަލީގެ ޑައިވަރުންގެ ތެރެއިން ފުރަތަމަ މީހާގެ ހަށިގަނޑު ނެގީ، ޑިއުކް އޮފް ޔޯކް ސަފާރީގެ ޑައިވަރެކެވެ. އޭނާގެ ހަށިގަނޑު ނެގީ ހާދިސާ ހިނގި، މިމަހުގެ 14ވީ ބުރާސްފަތި ދުވަހުގެ އިރު އޮއްސި 18:30 ހާއިރުގައެވެ. މަހުދީ ނިޔާވީ މިމަހުގެ 16ވީ ހޮނިހިރު ދުވަހުގެ މެންދުރުކުރީގައެވެ. އޭނާގެ ހަށިގަނޑު ނެގީ ފުލުހުންގެ ޑައިވަރުންނެވެ. ހޮހަޅައިގެ ތިންވަނަ ޗެމްބަރުގައި މަރުވެފައި ތިބި އިޓަލީގެ 4 ޑައިވަރުންގެ ހަށިތައް ނެގީ، ރާއްޖެ އައި ޑޭން ޓީމުގެ ޑައިވަރުން، މިދިޔަ ހަފްތާގެ އަންގާރަ ދުވަހާއި ބުދަ ދުވަހުގައެވެ.

އިޓަލީގެ 5 ޑައިވަރަކު ކަނޑުއަޑީގެ ހޮހަޅައިގެ ތެރޭގައި މަރުވި ހާދިސާއަކީ މިހާތަނަށް، ރާއްޖޭގައި މިފަހުގެ ތާރީޚުގައި ޑައިވްކުރުމުގެ ތެރޭގައި އެއްފަހަރާ މިހާ ގިނަ ބަޔަކު މަރުވި ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް