ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް އައްޑޫ ފިޔަވައި ހުރިހާ އަތޮޅަކަށް ވައިޓް އެލާޓް ނެރެފި
ލިޔުންތެރިޔާ
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން މޫސުމާއި ބެހޭ ޤައުމީ އިދާރާއިން، އައްޑު އަތޮޅު ފިޔަވައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވަނީ، މިއަދުގެ މެންދުރުފަހު 2:00 އިން ފެށިގެން މިރޭގެ 8:00އަށެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިހާރު ކުރަމުންދާ ވިއްސާރައިގައި ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިބާރުވާނެ ކަމަށެވެ.
މިހަފްތާގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާއިރު ބައެއް ރަށްރަށަށް ބޯކޮށް ވާޜޭ ވެހުމާއި އެކު ފެންބޮޑުވެ ގޯތި ގެދޮރަށް ގެއްލުންތައް ދަނީ ލިބެމުންނެވެ. މިގޮތުން ހދ. ނޮޅިވަރަމަށް މިއަދު 11:30 އިން ފެށިގެން ބޯކޮށް ވާރޭވެހި ރަށުތެރޭގައި ފެންބޮޑުވެ، މިހާތަނަށް 3 ގެއަކަށް ފެންވަދެގެން ވަނީ ރިޕޯޓްކޮށްފައި ކަމުގައި އެންޑީއެމްއޭއިން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އިއްޔެ، ށ. ޅައިމަގަށް ނަގޫރޯޅިއެއް އަރައި ބައެއް ގޭގެއަށާއި، ގުދަންތަކަށް ގެއްލުން ލިބުނު އިރު، އެކަކަށް އަނިޔާވެސް ވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް