ވިކުރާ

ޢިނާޔަތްތައް ކަނޑާލުމުން ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރެންޓްގެ މުވައްޒަފުން މުޒާހަރާކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޢިނާޔަތްތައް ކަނޑާލުމުން ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރެންޓްގެ މުވައްޒަފުން މުޒާހަރާކޮށްފި

ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރެންޓްގެ މުވައްޒަފުންގެ މުޒާހަރާގެ ތެރެއިން --- ފޮޓޯ: ރައްޔިތުންގެ ނޫސް

ހުޅުމާލެ ރުއްގަނޑު 1 ގައި ހުންނަ، ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރެންޓްގެ މުވައްޒަފުން މުޒާހަރާކޮށްފިއެވެ.

މުޒާހަރާކޮށްފައި ވަނީ، އެ ރެސްޓޯރެންޓްގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނެވެ. މިއަދު ހަވީރު 4އިން ފެށިގެން އިރުއޮއްސުމާއި ހަމައަށްވެސް މުވައްޒަފުން ތިބީ މުޒާހަރާގައެވެ.

މުޒާހަރާގައި ބައިވެރިވި، މުވައްޒަފުން ބުނެފައި ވަނީ، އެމީހުން މަސައްކަތް ހުއްޓާލައި އިޙްތިޖާޖު ކުރަން ފެށިތާ ތިން ދުވަސްވެފައިވާ ކަމަށެވެ. އަދި އިޙްތިޖާޖުކުރަން ފެށީ، މުވައްޒަފުންގެ ފުޑްއެލަވަންސާއި އެކަމަޑޭޝަން އެލަވަންސް ކަނޑާލުމާއި ގުޅިގެން ކަމަށާއި، އެ އެލަވަންސްތައް ކަނޑާލާފައި ވަނީ ކުންފުންޏަށް ދިމާވެފައިވާ މާލީ ދަތިތަކެއްގެ ސަބަބުން ކަމުގައި ކުންފުނިން ބުނާކަމުގައިވެސް މުވައްޒަފުންގެ ފަރާތުން ވާހަކަދެއްކި މީހަކު ބުންޏެވެ.

Uploaded image

މި މުޒާހަރާ އާއި ގުޅިގެން ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހުޅުމާލެ ފޭސް 1 ގައި ހުންނަ ރެސްޓޯރެންޓެއްގެ ބައެއް މުވައްޒަފުން، މުސާރައާ ގުޅޭ ކަންބޮޑުވުންތަކެއްގެ ސަބަބުން މަސައްކަތް ހުއްޓާލައި އިހުތިޖާޖުކުރާ ކަމުގެ މައުލޫމާތު، 2026 މާރިޗު 10 ވަނަ ދުވަހުގެ 15:50 އެހައިކަންހާއިރު ފުލުހުންނަށް ލިބި އެކަމަށް އެޓެންޑްވި ކަމަށެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ފުލުހުންނަށް ލިބުނު ރިޕޯޓާ ގުޅިގެން ފުލުހުން އެ ތަނަށް ގޮސް، މުވައްޒަފުންނާއި މެނޭޖްމަންޓާ ބައްދަލުކޮށް މައުލޫމާތު ސާފުކުރުމުން އެނގުނު ގޮތުގައި، މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްދާ ކަމާއި، މުވައްޒަފުންގެ ކަންބޮޑުވުންތައް ކަމާބެހޭ އިދާރާތަކަށް މިހާރު ވެސް ވަނީ ހުށަހަޅާފައިކަން އެނގިފައިވާ ކަމަށެވެ.

އަދި އެ އިހުތިޖާޖުގައި އެއްވެސް ހަމަނުޖެހުމެއް ނުވަތަ ގާނޫނާ ހިލާފު ކަމެއް ހިނގާފައި ނުވާކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރެންޓްގެ މުވައްޒަފުން ކުރަމުން އަންނަ މުޒާހަރާ އާއި ގުޅިގެން އެރެސްޓޯރެންޓް ހިންގާ ކުންފުނިން މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ހުއްޓާލައި އިޙްތިޖާޖުކުރަން ފެށިނަމަވެސް ރެސްޓޯރެންޓްގެ މެނޭޖްމެންޓުން އަންނަނީ ވަގުތީ މުވައްޒަފުން ހޯދައިގެން ރެސްޓޯރެންޓްގެ އޮޕަރޭޝަންތައް ހިންގަމުން ކަމަށް އެނގިފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް