ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ނިންމައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ނައިބު ރައީސް އަހުމަދު ނާޒިމް އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު --- ފޮޓޯ: މަޖިލިސް
20 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމު ފުރުއްވަމުންގެންދަވާ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އެ މަގާމުން ވަކިކުރަން ނިންމައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ނާޒިމް އެ މަގާމުން ވަކިކުރުމާ ގުޅޭ ކަންކަން ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުން މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން، ނާޒިމް އެ މަގާމުން ވަކިކުރަން ބޭނުންވާ އަދަދަށް ސޮއިވެސް ހަމަކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާގޮތުން މަޖިލީހުގެ ނައިބު ރައީސް އެ މަގާމުން ވަކިކުރެވޭނީ އެ ވަގުތު މަޖިލީހުގެ ޖަލްސާއަށް ވަޑައިގެންތިއްބެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ނައިބު ރައީސްކަމުގެ މަގާމު ފުރުއްވަމުންގެންދަވާ އަހުމަދު ނާޒިމް އެ މަގާމުން ވަކިކުރަން ޕީއެންސީ ޕީޖީ ގްރޫޕުން ނިންމާފައިވާއިރު، ޕީއެންސީ މެންބަރުން މުއާމަލާތްކުރަން ބޭނުންކުރާ ވަޓްސްއެޕް ގްރޫޕުން ވެސް ނާޒިމް ވަނީ މިއަދު ބޭރުކޮށްފައެވެ.
މީގެ އިތުރުން، ހުސްވި އޭޕްރީލް މަހުގެ 21 ވަނަ ދުވަހު މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީކަމަށްވާ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ އާއި ގައުމީ ސަލާމަތާ ގުޅޭ ކޮމިޓީއިން ވެސް ނާޒިމް ވަނީ ވަކިކޮށްފައެވެ.
ނާޒިމްގެ ރިޔާސަތުގެ ދަށުން މިއަދު ބޭއްވުމަށް ތާވަލްކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަނުވުމުގެ ސަބަބުން ޖަލްސާ ކެންސަލްކޮށް، މާދަމާ އިތުރު ޖަލްސާއެއް ބާއްވަން ވަނީ ތާވަލުކޮށްފައެވެ.
ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވަނީ ކޯރަމް ހަމަވޭތޯ ބައްލަވާފައެވެ. އެގޮތުން 09:00 ގައި ކޯރަމް ހަމަނުވެގެން ޖަލްސާ ނުފެށި ނާޒިމް ވަނީ 10:00 އަށް ކޯރަމް ހަމަވޭތޯ ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް 10:00 ވެސް ކޯރަމް ހަމަނުވުމުން ނާޒީމް ވަނީ ޖަލްސާ ކެންސަލްކުރައްވާފައިވާކަން އިއުލާނުކޮށް، މާދަމާ ހެނދުނު 09:00 އަށް ޖަލްސާއެއް ތާވަލްކޮށްފައެވެ.
ބައެއް ފަރާތްތަކުން ބުނަމުންދާ ގޮތުގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްއާ ދެކޮޅަށް ގަސްދުގައި ޕީއެންސީއިން ކޯރަމް ގެއްލުވާލައި ޖަލްސާ ކުރިއަށްގެންދިޔުމަށް ގަސްދުގައި ހުރަސް އެޅީއެވެ.
ރައްޔިތުންގެ މަޖިލިހުގައި 93 މެންބަރުން ތިއްބަވާއިރު އޭގެތެރެއިން 76 މެންބަރުންނަކީ ޕީއެންސީ މެންބަރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް