ޒަމީރު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކަމަށް ޕޯސްޓްތައް ހަދައި ފަތުރަނީ ޕާޓީ ފިތުނަކުރަން
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު -- ފޮޓޯ: ރައީސް އޮފީސް
މިހާރުގެ ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު، ޕީއެންސީގެ ޓިކެޓުގައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާކަން ދެއްކުމަށް، ސޯޝަލް މީޑިއާގައި ޕޯސްޓްތައް ހަދައި ބަޔަކު ފަތުރާ ވާހަކަތަކަކީ، ދޮގުވާހަކަތަކެއް ކަމުގައި، މިނިސްޓަރ ޒަމީރުގެ އާއިލީ ގާތް ބޭފުޅަކު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މޫސާ ޒަމީރު، ޕީއެންސީގެ ރިޔާސީ ޓިކެޓުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ދޭހަވާ ގޮތަށް ސޯޝަލް މީޑިއާގައި ބަޔަކު އަންނަނީ ޕޯސްޓްތައް ހަދައިގެން ފަތުރަމުންނެވެ.
މިނިސްޓަރ ޒަމީރުގެ އާއިލީ ގާތް ބޭފުޅަކު، ވިދާޅުވީ، އެފަދަ ޕޯސްޓްތައް ހަދައިގެން ފަތުރަނީ، ޕީއެންސީގެ ލީޑަރޝިޕްގެ ތެރޭގައި ފިތުނަވެރިކަން އުފައްދައި ބައިބައިކޮށް މިނިސްޓަރ ޒަމީރުގެ އިޚްލާސްތެރި މަސައްކަތްޕުޅު ތަކާއިމެދު ޝައްކުތައް އުފެއްދުމަށް ކަމަށް ފެންނަ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި މީހުން ފަތުރާ އެފަދަ ވާހަކަތަކަށް، މިނިސްޓަރ ޒަމީރު ސަމާލުކަން ނުދެއްވާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖެއަށާއި، މުޅި ދުނިޔެއަށްވެސް ދިމާވެފައިވާ އިޤުތިޞާދީ ހީނަރުކަމުގައި، ރާއްޖޭގެ އިޤުތިޞާދު ސަލާމަތްކޮށް ނެގެހެއްޓުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅާއިއެކު، މިނިސްޓަރ މޫސާ ޒަމީރު ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުންނެވެ.
މިސަރުކާރުގައި އެންމެ ފުރަތަމަ މޫސާ ޒަމީރު ހުންނެވީ، ފޮރިން މިނިސްޓަރުގެ މަޤާމުގައެވެ.
ނިމިގެން ދިޔަ ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ސަރުކާރަށް ބޮޑެތި ސިޓީތައް ގެއްލިގެން ދިޔައިރު، ދަނޑިވަޅުގެ ބޭނުން ހިފައިގެން އެޕާޓީގެ ލީޑަރޝިޕްގެ ތެރޭގައި ފިތުނަ ފަސާދަ އުފައްދައި ބައިބައިކޮށްލުމަށް ބަޔަކު ރާވައިގެން މަސައްކަތްތައް ކުރަމުން އަންނަ ކަމުގައި، ޕީއެންސީގެ ބައެއް މަޖިލިސް މެމްބަރުންވެސް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް