ކޯ ބޭންކިންގ ނިޒާމު ފިނަސްޓްރާގެ އެހީގައި ޒަމާނީ ކުރަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރާއްޖޭގެ އެންމެ ބޮޑު ބީއެމްއެލްއިން، ފިނަސްޓްރާގެ 'އެސެންސް' ޕްލެޓްފޯމް އިޚްތިޔާރުކުރީ ބޭންކުގެ ހިންގުން ހަރުދަނާކޮށް، އީޖާދީ ޚިދުމަތްތަކާއެކު ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކަމުގައި އެބޭންކުން ބުނެފިއެވެ.
މާލީ ދާއިރާގެ ސޮފްޓްވެއަރ އުފެއްދުމުގައި ދުނިޔޭގެ ކުރިއަރާފައިވާ ފިނަސްޓްރާއިން މިއަދު އިޢުލާންކުރި ގޮތުގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޯބޭންކިންގ ނިޒާމު ޒަމާނީ ކުރުމަށާއި ބޭންކުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އިތުރަށް ފުޅާކުރުމަށްޓަކައި 'ފފިނަސްޓްރާ އެސެންސް' ޕްލެޓްފޯމް ވަނީ ހޮވައިފައިވާކަން އެބޭންކުން ހާމަކޮށްފައި ވަނީ މިއަދުއެވެ.
މިގޮތުން ފިނަސްޓްރާއާއެކު ބީއެމްއެލްއިން ހެދި އެއްބަސްވުމުގެ ސަބަބުން އައު އީޖާދީ އުފެއްދުންތައް ބާޒާރަށް ނެރުން އަވަސްވެ، ބޭންކުގެ މަސައްކަތްތައް ހަރުދަނާވުމުގެ އިތުރުން، ކޮންވެންޝަނަލް އަދި އިސްލާމިކް ބޭންކިންގ މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޚިދުމަތްތައް ލިބިގެންދާނެ ކަމުގައި ބީއެމްއެލްއިން ވަނީ ބުނެފައެވެ.
ފިނަސްޓްރާ އެސެންސް ގާއިމުކުރުމުން ބޭންކް އޮފް މޯލްޑިވްސްއަށް ލިބިގެންދާނެ މުހިންމު ކުރިއެރުންތަކުގެ ތެރޭގައި ހިމެނެނީ:
• އައު އުފެއްދުންތަކާއި ޚިދުމަތްތައް އަވަސް މުއްދަތެއްގެ ތެރޭގައި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުން.
• އޮޓޮމޭޝަންގެ އެހީގައި ބޭންކުގެ މަސައްކަތްތައް ތަރުތީބުކޮށް، މެދުކެނޑުމެއް ނެތި އަވަސް ޚިދުމަތެއް ފޯރުކޮށްދިނުން.
• ކަސްޓަމަރުންގެ ބޭނުންތަކަށް ރިޢާޔަތްކޮށް، އީޖާދީ ޚިދުމަތްތައް ދިނުމަށް ރިލޭޝަންޝިޕް މެނޭޖަރުންނަށް މަގުފަހިވުން.
• ބޭންކުން ފޯރުކޮށްދެމުންދާ ކޮންވެންޝަނަލް އަދި އިސްލާމިކް ބޭންކިންގެ އެކި އުފެއްދުންތަކާއި ޚިދުމަތްތައް، މެދުކެނޑުމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެމުން ގެންދިއުން
ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ މެދުކެނޑުމެއްނެތި އައު އީޖާދުތައް ތަޢާރަފުކުރުމާއި، އަޅުގަނޑުމެން ޚިދުމަތްދޭ ކަސްޓަމަރުންނާއި މުޖުތަމަޢުތަކަށް ދެމެހެއްޓެނިވި މަންފާއާއި ކުރިއެރުން ހޯދައިދިނުން ކަމަށެވެ. އަދި ފިނަސްޓްރާ އެސެންސްއާއެކު ބީއެމްްއެލްއިން މި ފެށި މަސައްކަތަކީ ބޭންކުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދަތުރުގައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި، މިކަމުގެ ސަބަބުން ހަލުވިކަމާއެކު އައު އީޖާދުތައް ތަޢާރަފުކުރުމަށާއި، މަސައްކަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، މުޅި ރާއްޖެއަށް ދުނިޔޭގެ ފެންވަރުގެ މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޒަމާނީ އަދި ވަރުގަދަ ބިންގަލެއް އެޅިގެންދާނެކަމުގައިވެސް ޝަރީފް ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ފިނަސްޓްރާ އެސެންސް އިޚްތިޔާރުކުރީ އެ ޕްލެޓްފޯމުގައި ހިމެނޭ ފުރިހަމަ ޚިދުމަތްތަކާއި، ކުރިއަރާފައިވާ ޓެކްނޮލޮޖީއާއި، ޕްލެޓްފޯމުގެ ފްލެކްސިބިލިޓީގެ ސަބަބުން ކަމަށާއި، އޭގެ އިތުރުން، ފިނަސްޓްރާގެ މަސައްކަތްތަކުގެ ފެންވަރާއި، ބާޒާރުގައި އެ ކުންފުންޏަށް އޮތް އިތުބާރާއި، މި ޕްރޮޖެކްޓް ވަޒަންކުރުމުގެ މަރުހަލާގައި އެ ކުންފުނިން ދެއްކި ޕާފޯމަންސްގެ މައްޗަށް ބިނާކޮށް ކަމުގައި ބީއެމްއެލްއިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް