ފުލުހުން ޢަބްދުﷲ ޝާހިދާއި މެދު ތަފާތު ގޮތަކަށް ޢަމަލުކުރި ސަބަބެއް ފުލުހުން ނުބުނި
ލިޔުންތެރިޔާ
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި، ހ. ރަބީޢީމަންޒިލް ޢަބްދުﷲ ޝާހިދު ހައްޔަރުކޮށް، އެފަދަ މައްސަލަތަކުގައި ފުލުހުން ކުރިން ޢަމަލު ކުރަމުން އަންނަ ގޮތާއި ތަފާތު ގޮތަކަށް ޢަމަލުކުރި ސަބަބު ހާމަކުރުމަށް ފުލުހުން ދެކޮޅު ހަދައިފިއެވެ.
ފުލުހުން މީގެ ކުރިން، ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މައްސަލަތަކުގައި، ހައްޔަރުކުރާ މީހުންގެ ވަނަވަރާއި ފޮޓޯ އާއްމުނުކޮށް ހިފަހައްޓައެވެ. އެފަދަ މައްސަލަތަކުގައި ކުށުގެ ތުހުމަތުވާ މީހާގެ ވަނަވަރާއި ފޮޓޯ އާއްމު ނުކުރަނީ، ކުށްކުރި މީހާގެ ވަނަވަރު ހާމަކުރުމުގެ ސަބަބުން، އަނިޔާލިބުނު ކުއްޖާގެ އަބުރާއި ކަރާމަތަށް މުޖުތަމައުގައި ކުރިމަތިވާ މައްސަލަތަކަށްޓަކައި ކަމަށް، މީގެ ކުރިން ފުލުހުން ބުނެފައި ވެއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށްތަކުގައި މީގެ ކުރިން މީހުން ހައްޔަރު ކުރާއިރު، އެމީހަކީ، ކާކުކަން މީޑިއާތަކާއި އެރަށެއް ނުވަތަ މުޖުތަމައެއްގެ އެންމެންނަށް އެނގުނު ނަމަވެސް، ފުލުހުން ރަސްމީކޮށް މީޑިއާތަކަށް ދޭ މައުލޫމާތާއި، އަދި ފުލުހުންގެ ކުރާ ޕޯސްޓްތަކުގައިވެސް ކުށުގެ ތުހުމުގައި ހައްޔަރުކުރީ ކާކުކަމެއް، އަދި އެމީހަކު ހައްޔަރު ކުރީ ކޮންރަށަކުން ކަމެއް ނުބުނެއެވެ. ހަމައެކަނި ބުނަނީ، ފުލުހުންގެ މަސައްކަތްތައް ބަހާފައިވާ ސަރަހައްދުތަކުގެ ތެރެއިން އަތޮޅެއްގެ ރަށެއްގައި ހިނގިކަމެއް ކަމަށެވެ.

އެހެން ނަމަވެސް ޢަބްދުﷲ ޝާހިދަށް ތުހުމަތު ކުރެވުނު މައްސަލައިގައި، އޭނާ ހައްޔަރުކުރިތާ، 11 މިނިޓްގެ ތެރޭގައި ފުލުހުން ވަނީ، ރަސްމީ ބަޔާނެއް ނެރެ، ޢަބްދުﷲ ޝާހިދު ހައްޔަރުކުރިކަމާއި، އޭނާއަށް ތުހުމަތު ކުރެވުނު ކުށަކީ، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއްކަން ހާމަކޮށްފައެވެ. އަދި ޢަބްދުﷲ ޝާހިދުގެ ބަންދުގެ މުއްދަތު ކޯޓުން ޖަހައިދިނުމާއި އެކު، ފުލުހުން ޢަބްދުﷲ ޝާހިދުގެ މަގުޝޮޓް(ކުށުގެ ތުހުމަތު ކުރެވޭ ފަރާތްތަކަށް ޚާއްސަކޮށް ފޮޓޯނަގާތަނުގައި ބަހައްޓާފައި ނަގާ ފޮޓޯ) ވެސް އާއްމުކުރިއެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި، ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު ޢަބްދުﷲ ޝާހިދު ހައްޔަރުކޮށް ވަނަވަރާއި ފޮޓޯ އާއްމު ކުރި އިރު، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި، ފުލުހުން ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ވަނީ، މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މެމްބަރު މުޙައްމަދު އައިމަން އިސްމާޢީލް (އާނު) ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރިކަން ފުލުހުން ބުނެފައި ވަނީ މީޑިއާތަކުން ސުވާލު ކުރުމުންނެވެ. އޭނާ ހައްޔަރުކުރިކަން ހާމަކޮށް ފުލުހުން ބަޔާނެއް ނުނެރެއެވެ. އަދި ފުލުހުން މީޑިއާތަކަށް މައުލޫމާތުދޭ ރަސްމީ ވަޓްސްއެޕް ގުރޫޕުގައިވެސް ނުލިޔެއެވެ. އަދި އައިމަން ހައްޔަރު ކުރިކަމަށް ފުލުހުން ބުނިތާ 24 ގަޑިއިރު ވިއިރުވެސް، އޭނާގެ ވަނަވަރާއި މަގުޝޮޓްވެސް ފުލުހުން އާއްމެއް ނުކުރެއެވެ.
އެއް ބާވަތެއްގެ ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންނާއި މެދު ތަފާތުކޮށް ޢަމަލު ކުރަނީ ކީއްވެތޯ އާއި ވަނަވަރާއި ފޮޓޯ އާއްމު ކުރުމުގައި ފުލުހުން ގެންގުޅޭ އުސޫލަކީ ކޮބައިތޯ ފުލުހުންގެ ތަރުޖުމާނު، އަޙްމަދު ޝިޔާމްއާ ރައްޔިތުންގެ ނޫހުގެ ފަރާތުން ސުވާލު ކުރުމުން އޭނާ އެދުނީ އޭނާއަށް ފޯނުން ގުޅާ ލުމަށެވެ. މެސެޖެއްގެ ގޮތުގައި އެމައުލޫމާތު ޙިއްސާކުރަން އެދުމުން ވެސް ދެވަނަ ފަހަރަށްވެސް އެދުނީ ފޯނުން ގުޅާލުމަށެވެ. ފޯނުން ގުޅާ ކޯލު ރެކޯޑް ކުރަން އެއްބަސްވާނަމަ ގުޅާލެވިދާނެ ކަމަށް ދެންނެވުމުން ޝިޔާމް އެދުނީ، އެމައުލޫމާތު ހޯދުމަށް ރަސްމީކޮށް ފުލުހުންގެ އިދާރާއަށް ހުށައެޅުމަށެވެ.
އެއްބާވަތެއްގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ ތެރެއިން، އެއްބައެއްގެ ވަނަވަރާއި ފޮޓޯ އާއްމުކޮށްފައި އަނެއްބައެއްގެ ވަނަވަރާއި ފޮޓޯ ފުލުހުން އާއްމު ނުކުރާކަން މީގެ ކުރިންވެސް ވަނީ ފާހަގަކުރެވިފައެވެ. އަދި ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންގެ ވަނަވަރާއި ފޮޓޯ އާއްމު ކުރުމުގައި ފުލުހުން އަމަލުކުރަމުން އަންނަ އުސޫލަކީ ކޮބައިކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.
ޢަބްދުﷲ ޝާހިދަކީ، އދ.ގެ އާއްމު މަޖިލީހުގެ ރައީސް ކަމާއި، ރައީސް މައުމޫނުގެ ދައުރުގަޔާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދައުރުގައި ފޮރިން މިނިސްޓަރުކަމާއި، އަދި ދިގު މުއްދަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އިދިކޮޅު ޕާޓީ އެމްޑީޕީގެ ރައީސް ކަމުގެ މަޤާމުވެސް ފުރުއްވާފައި ވާއިރު، ޢަބްދުﷲ ޝާހިދު ހައްޔަރު ކުރި އިރު އޭނާ ދިޔައީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ވާދަކުރައްވާނެކަން ޢިއުލާނު ކުރައްވައި ކެމްޕޭންވެސް ކުރައްވަމުންނެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޢަބްދުﷲ ޝާހިދު ހައްޔަރުކުރިކަމާއި، 30 ދުވަހުގެ ބަންދުގެ މުއްދަތު ޖެހިކަން ޢިއުލާނުކޮށް ފޮޓޯ އާއި ވަނަވަރު އާއްމުކުރުން ފިޔަވައި އެމައްސަލަ އާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުންގެ އިދާރާއިން ހާމައެއް ނުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް