އެމްޑީޕީން މަޖިލިސް އިދާރާ ކައިރީގައި މުޒާހަރާކުރަން ފަށައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެމްޑީޕީގެ މެމްބަރުން ކުރަމުންދާ މުޒާހަރާގެ ތެރެއިން --
ކައުންސިލްތަކުގެ ބިންތަށް ސަރުކާރަށް އަތުލެވޭ ގޮތަށް، ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ، އިސްލާޙް ބޭރުކޮށްލަން ގޮވާލައި އެމްޑީޕީން މުޒާހަރާކުރަން ފަށައިފިއެވެ.
މާލޭ ސިޓީގެ މޭޔަރާއި، ޑެޕިއުޓީ މޭޔަރު އަދި އެމްޑީޕީގެ ލީޑަރޝިޕްގައި ހިމެނޭ ބައެއް ބޭފުޅުން ވަނީ މި މުޒާހަރާގައި ބައިވެރިވެވަޑައިގެންފައެވެ. މުޒާހަރާފެށީ ރައްޔިތުންގެ މަޖިލީހުގައި މިއަދު އޮތް ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުން އަޑުއަހަން ވަނުމަށްފަހުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާކައިރީގައި މުޒާހަރާކުރާ ފަރާތްތައް ފުލުހުން މިހާރު ވަނީ އެސަރަހައްދުން ދުރަށް ޖައްސާފައެވެ.
ރާއްޖެޓީވީއާ ވާހަކަފުޅު ދައްކަވަމުން މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ރައްޔިތުންގެ ބިމާއި މުދާ ސަރުކާރުން ބޭނުންވާހައި ގޮތަކަށް ބޭނުންކުރުމަށް ފުރުޞަތު ނުދެއްވާނެ ކަމަށެވެ. އަދި ރައްޔިތުންގެ ބިންތަކާއި މުދާ ބޭނުން ކުރަންޖެހޭނީ، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި ކަމަށާއި، މިސަރުކާރާއި އަދި ކުރީގެ ސިޓީކައުންސިލުންވެސް މަސައްކަތްކޮށްފައި ވަނީ އެގޮތަށް ނޫންކަމުގައި އާޒިމް ވިދާޅުވިއެވެ. މިގޮތުން ނުއަގުގައި އަދި އެއްބަސްވުމެއް ހެދުމެއް ނެތިވެސް ތަންތަން ދޫކޮށްފައިވާކަން އާޒިމް ވަނީ ފާހަގަކުރައްވާފައެވެ.
"އަޅުގަނޑުމެން މިކަންތައް ހުއްޓާލާނީ، ރައްޔިތުންގެ ޙައްޤުތައް ރައްޔިތުންނަށް ކަށަވަރުކޮށްދީފައި. ދެނެއް އިރާދަކުރެއްވިއްޔާ 13000 އަކަފޫޓުގެ ބިމެއް 13000ރ އަށް ދޭކަށް ދެން އަޅުގަނޑުމެން ގެއަކު ނުތިބޭނަން." އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، ކުރީގެ ކައުންސިލުން ކޮންޓްރެކްޓެއް ނެތި ދީފައިވާ ތަންތަން އަތުލުމަށް ނޯޓިސް ޖަހާފައިވާއިރު، އެނޯޓިސްތައް ނެގުމަށް ހައުސިންގ މިނިސްޓްރީން އަންގަމުންދާ ކަމަށެވެ. މިގޮތުން އެ ނޯޓިސްތައް ނެގުމަށް އަންގައި މިއަދު ހައުސިންގ މިނިސްޓްރީން މާލޭ ސިޓީކައުންސިލަށް ސިޓީއެއްވެސް ފޮނުވާފައިވާކަމުގައި އާޒިމް ވިދާޅުވިއެވެ.
"ކޮންގޮތަކުންތޯ (ހައުސިންމިނިސްޓްރީއަށް) އަޅުގަނޑުމެންނަށް އެންގޭނީ ނަގަން. އަޅުގަނޑުމެންގެ ތަނެއް، ސިޓީ ކައުންސިލްގެ ތަނެއް، ކޮންޓްރެކްޓެއް ނުހަދައި ކުރީގެ ކައުންސިލުން ދީފައި އޮތްކަމަށް ވަންޏާމު، ނޫނީ އެބޭފުޅުން އެތަނަށް ވަދެ ތިބި ކަމަށް ވަންޏާމު، އަޅުގަނޑުމެން ނޯޓިސް ޖަހާފައި އެތަންތަން ހުސްކުރަން މިއަންގަނީ." އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، ނުއަގުގައި ދީފައި ހުރި ތަންތަނާއި އެއްބަސްވުމެއް ނެތި ދީފައިވާތަންތަން އަތުލަން މާލޭ ސިޓީ ކައުންސިލުން މަސައްކަތް ކުރާތީ އެކަމަށް ސަރުކާރުގެ މިނިސްޓްރީތަކުން އަންނަނީ ހުރަސްއެޅުމަށް މަސައްކަތް ކުރަމުން ކަމަށެވެ.
ކައުންސިލްތަކުގެ ބިންތައް އެ ކައުންސިލްތަކުގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު، ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައި ވަނީ، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. އޭނާ އަކީ، އެއްވެސް ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެމްބަރެއް ނަމަވެސް، އާއްމުންގެ ނުރުހުން ސަރުކާރަށް އަމާޒުވާ ބިލްތައް ސަރުކާރަށް ފައިދާވާނޭ ގޮތަށް މަޖިލީހަށް ހުށައަޅުއްވައިދެއްވަނީ އެ މެމްބަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް