classified
ރާއްޖެ

ބޮޑު ބަދަލުގެ އަސާސީ ސިފައަަކީ ސަރުކާރުގެ ވެރިޔާ ރައްޔިތުންގެ ވޯޓަކުން ހޮވުން: ރައީސް ނަޝީދު

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ބޮޑު ބަދަލުގެ އަސާސީ ސިފައަަކީ ސަރުކާރުގެ ވެރިޔާ ރައްޔިތުންގެ ވޯޓަކުން ހޮވުން: ރައީސް ނަޝީދު

ރައީސް ނަޝީދު ހުށައަޅުއްވާ ބޮޑު ބަދަލުގެ ތެރެއިން ބޭނުންފުޅުވަނީ ބޮޑުވަޒީރު ހުންނެވުން ކަމުގައި ދޭހަވާ މޭރުމުން ރައީސް ނަޝީދު ވާހަފުޅު ދައްކަވައިފިއެވެ.

ރައީސް ނަޝީދު މިކަން ހާމަކުރައްވާފައި ވަނީ، އިނގިރޭސި ބޮޑުވަޒީރު އިސްތިއުފާ ދެއްވުމާއި ގުޅިގެން އެކަމާއި ގުޅޭ ގޮތުން، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ، އިނގިރޭސި ބޮޑުވަޒީރު އިސްތިއުފާ ދެއްވީމާ އައު އިންތިޚާބެއް ކުރިމަތި ނުވާކަމަށެވެ. ބޮޑުވަޒީރަކަށް ވަނީ އެންމެ ގިނަ މަޖިލިސް ގޮނޑި ކާމިޔާބުކުރާ ޕާޓީގެ ލީޑަރުކަމަށާއި، 5 އަހަރުގެ ދައުރަކަށް ސަރުކާރު ހިންގަން ލިބެނީ ގިނަ ގޮނޑި ކާމިޔާބުކުރާ ޕާޓީއަށް ކަމަށެވެ. އަދި ޕާޓީގެ ލީޑަރު އިސްތިއުފާ ދެއްވީމާ ނުވަތަ ޕާޓީގެ މެމްބަރުން ލީޑަރު ވަކިކުރީމާ ދެން ސަރުކާރުގެ ވެރިއަކަށް ވާނީ ޕާޓީން ހޮވާ ލީޑަރު ކަމަށާއި، ޕާޓީގެ ލީޑަރަކަށް ވެވޭނީ، މަޖިލިސް މެމްބަރަކަށް ކަމުގައި ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ބޮޑު ބަދަލުގައި ހުށައަޅާފައިވާ އަސާސީ އެއްސިފައަކީ ސަރުކާރުގެ ވެރިޔާ މުޅި ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކުރަން ޖެހޭ ގޮތަށް ކަމަށެވެ. ރައީސް ނަޝީދު ވަނީ، ދައުލަތުގެ ވެރިއެއްގެ ގޮތުގައި ފައްޔާޒު އިންތިޚާބު ކުރެއްވުމަށް ތާއީދު ކުރައްވާ ކަމަށާއި އަދި ސަރުކާރު ހިންގުމުގެ ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިކަން ހުރިކަންވެސް ހާމަކުރައްވާފައެވެ.

ރައީސް ނަޝީދު ބޭނުންފުޅުވާ ބަދަލުތައް ވެރިކަމުގެ ނިޒާމަށް ގެނައުމަށް ފަހިކުރުމަށް ޓަކައި، ބޮޑު ބަދަލު އޮފީހުގެ ނަމުގައި އެމްޑީޕީގެ ސެކްރެޓޭރިއެޓްގައި އޮފީހެއްވެސް މިހާރު ވަނީ ޤާއިމްކޮށްފައެވެ.

ރައީސް ނަޝީދު ހުށައަޅުއްވާ ބަދަލުގައި ހުންނަވާނީ، ރައީސަކާއި ބޮޑުވަޒީރެއް ކަމެއް ސާފުކޮށް އެމަނިކުފާނު ވިދާޅެއް ނުވެއެވެ. އެހެން ނަމަވެސް ރާއްޖޭގެ ސިޔާސީ މަޝްރަޙް ދިރާސާ ކުރައްވާ ފަރާތްތަކުން ފާހަގަކުރައްވާ ގޮތުގައި ރައީސް އާއްމު ވޯޓަކުން ވެރިކަން ލިބިވަޑައިގަންނަވާނެ ކަމުގެ އުއްމީދެއް ރައީސް ނަޝީދަކަށްވެސް ނެތެވެ. އެހެންވެ އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް އަނބުރާލައްވައިގެން ބޮޑުވަޒީރުގެ ގޮތުގައި ސަރުކާރުގެ އެންމެ އިސްވެރިޔާގެ މަޤާމަށް ވަޑައިގެންނެވުމަށް ކަމުގައި ރައީސް ނަޝީދާއި ޚިޔާލު ތަފާތު ފަރާތްތަކުން ބުނަމުން ގެންދެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް