ކޯޓު ހުރުމަތް ކެނޑިކަމަށް ކަނޑައަޅައި އަދަދު ނޫހުގެ ދެ ނޫސްވެރިން ޖަލަށް ލައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ލީވާން ޢަލީ ނަސީރާއި މުޙައްމަދު ޝަހްޒާން -- ފޮޓޯ: ސޯޝަލް މީޑިއާ
ކުރިމިނަލް ކޯޓުން ނެރެފައިވާ، އަމުރާއި ޚިލާފުވެ، އެކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމައި، އަދަދު ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށްލައިފިއެވެ.
ކުރިމިނަލްކޯޓުން ނެރެފައިވާ އަމުރެއްގައި ވަނީ، އަދަދު ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއެއްގައި ހުރި ވާހަކަތައް ދެއްކުން މަނާކޮށް، އެކަމާއި ގުޅޭ ގޮތުން ސުވާލުކުރުންވެސް މަނާކޮށްފައެވެ.
ކޯޓު ހުރުމަތް ކެނޑިކަމުގެ ތުހުމަތުކޮށް، ލީވާން އަލީ ނާސިރު މިއަދު ކޯޓަށް ހާޒިރުކޮށްފައި ވަނީ ހެނދުނު 11:00އަށެވެ. އަދި މުޙައްމަދު ޝަހުޒާން ކޯޓަށް ހާޟިރުކޮށްފައި ވަނީ، މިއަދުގެ 14:00 އަށެވެ.
އެ ދެނޫސްވެރިންވެސް ކޯޓަށް ހާޟިރުކުރުމަށް ފަހު، ވަކީލަކު ޢައްޔަނުކުރަން ދީފައި ވަނީ، 2 ގަޑިއިރުގެ ވަގުތެކެވެ.
ކޯޓުގެ ޙުރުމަތް ކެނޑިކަމަށް ނިންމައި، ޝަހުޒާނަށް އިއްވީ 15 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ލީވާން ޢަލީ ނާޞިރަށް އިއްވީ 10 ދުވަހުގެ ޖަލު ޙުކުމެކެވެ.
ޝަހުޒާން ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އާއި ސުވާލު ކުރުމުންނެވެ. ލީވާން ކޯޓު ހުރުމަތް ކެނޑިކަމަށް ނިންމާފައި ވަނީ، ލީވާންގެ ނަމުގައި ލިޔެ ޝާއިޢުކުރި ޚަބަރުގައި، ކުރިމިނަލްކޯޓުގެ އަމުރުގައި ނުދެއްކުމަށް އަމުރުކޮށްފައިވާ ވާހަކަތަކެއް ހިމަނާފައި ވުމުންނެވެ.
ލީވާނާއި ޝަހުޒާން ޖަލަށްލުމާއި ގުޅިގެން ރާއްޖޭގެ ނޫސްވެރިންނާއި، ސިޔާސީ ފަރާތްތަކުންވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިޙުކުމްތަކާއި ގުޅިގެން ބައިނަލްއަޤުވާމީ ފަރާތްތަކުންވެސް ވަނީ ކަންބޮޑުވުންފާޅުކުރަން ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް