ބޭންކް އެކައުންޓް ކުއްޔަށްދޭ ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުދީފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ބޭންކް އެކައުންޓް ކުއްޔަށް ދިނުމާއި "މަނީ މިއުލް" ގެ އަމަލުތައް ހިންގާ ފަރާތްތަކާއި އަދި އެފަދަ ކަންކަމުގައި ބައިވެރިވާ ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.
ފުލުހުންގެ އިދާރާއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، މިހާރަކަށް އައިސް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި، ހާއްސަކޮށް ޓިކްޓޮކް އަދި ޓެލެގްރާމް މެދުވެރިކޮށް، އަމިއްލަ ފަރާތްތަކުގެ ބޭންކް އެކައުންޓްތައް "ކުއްޔަށް" ނުވަތަ އެކައުންޓްގެ ކޮންޓްރޯލް ދިނުމުން އުޖޫރައެއް ނުވަތަ "ދުވަހު މުސާރައެއް" ދޭނެކަމަށް ބުނެ ކުރާ އިޝްތިހާރުތައް އިތުރުވަމުންދާކަން ދިވެހި ފުލުހުންގެ ޚިދުމަތަށް ވަނީ ފާހަގަކުރެވިފައިވާ ކަމަށެވެ.
މިފަދަ އަމަލުތަކަކީ ޖިނާއީ ބޮޑެތި ކުށްތަކަށް މަގުފަހިވާ، އަދި އޭގެ ސަބަބުން ގާނޫނީގޮތުންނާއި މާލީގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަންކަން ކަމުގައިވާތީ، އާންމު ރައްޔިތުން މިކަމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
އަމިއްލަ އެކައުންޓް އެހެން ފަރާތަކަށް ބޭނުންކުރަން ދިނުމަކީ "މަނީ މިއުލް" އެއްގެ ގޮތުގައި ކުށްކޮށްގެން ހޯދާ ފައިސާ ދައުރުކުރުމުގައި ބައިވެރިވުން ކަމަށާއި، މިފަދަ އެކައުންޓެއް މެދުވެރިކޮށް ގާނޫނާ ހިލާފު މުއާމަލާތެއް ހިންގައިފިނަމަ، އެއީ ކާކުކަން ނޭނގޭ ފަރާތަކުން ކުރި ކަމެއްކަމަށް ބުނެ ޒިންމާއިން ބަރީއައެއް ނުވެވޭނެ ކަމުގައިވެސް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ. އަދި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން، މިފަދަ އަމަލުތަކަކީ ހަރުކަށި އަދަބު ކަނޑައެޅިފައިވާ ކުށްތަކެއްކަންވެސް ފުލުހުންގެ އިދާރާއިން ވަނީ އެ ނޫސްބަޔާނުގައި ހަނދާންކޮށްދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް