ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ކަމުގެ މަޤާމަށް ކުރިމަތިލާން ހުޅުވާލައިފި
ލިޔުންތެރިޔާ
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރު ކަމުގެ މަޤާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުން ފުރުޞަތު ހުޅުވާލައިފިއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރެއްގެ މަޤާމު ހުސްވީ، އެކޮމިޝަންގެ މެމްބަރު އަދި ރައީސް ކަމުގެ މަޤާމުގައި ހުންނެވި، މުޙައްމަދު ފަރުޝަތު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ، ފަރުޝަތު އިސްތިއުފާ ދެއްވީ، މީޑިއާތަކަށް އިންސާފުން ކަންކަން ކުރުމަށް ގޮންޖެހުންތައް ހުރި ކަމަށް ވިދާޅުވުމަށް ފަހުގައެވެ.
ފަރުޝަތު އިސްތިއުފާ ދެއްވި އިރު، ޤާނޫނުތަކާއި އަދި އާއްމު އުސޫލުތަކާއި ކަނޑައެޅިގެން ޚިލާފަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނާއި ސަރުކާރުން އަންނަނީ، މީޑިއާތަކުގެ މެދުގައި ތަފާތު ކުރުންތައް ގެންގުޅެމުންނެވެ. މިގޮތުން ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ މީޑިއާތަކަށް ހަމަހަމަ ފުރުޞަތު ނުދީ، ސަރުކާރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭނުންވާ ވަކި މީޑިއާތަކަށާއި ނޫސްތަކަށް ސަރުކާރުގެ އިސްވެރިން އަންނަނީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް މަންފާތައް ހޯދައިދެމުންނެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަކީ، މީޑިއާތައް ކޮންޓްރޯލް ކުރުމަށް ކުރީގެ ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި އައު ޤާނޫނެއްގެ ދަށުން އުފެއްދި ކޮމިޝަނެކެވެ. ތައުލީމާއި ތަޖުރިބާއަށް ބެލުމެއް ނެތި، އެކޮމިޝަނަށް މެމްބަރުން ޢައްޔަނުކުރަމުން އަންނަނީ ރައްޔިތުންގެ މަޖިލީހުގައި އޮތް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ސުޕަމެޖޯރިޓީ ބޭނުންކޮށްގެންނެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމަށް ހުޅުވާލާފައި ވާއިރު، އެކަމަށް އެދި ހުށައެޅުމުގެ ސުންގަނޑިއަކީ، 16 ނޮވެމްބަރު 2026ވާ ހޯމަ ދުވަހުގެ މެންދުރު 12:00 އެވެ.
ކޮމިޝަންގެ މެމްބަރުކަމަށް އެދޭ ފަރާތްތަކުން ފޯމާއި އެހެނިހެން ލިޔުންތައް ހުށައަޅަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް