އަދާލަތު ޕާޓީގެ ރައީސަކަށް ޝައިޚް ޝިފާން ހޮވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އަދާލަތުޕާޓީގެ 4 ވަނަ ދައުރުގެ ރައީސަކަށް ހޮވި ވަޑައިގެންނެވި އައްޝައިޚް މުޙައްމަދު ޝިފާން --- ފޮޓޯ: އަދާލަތު ޕާޓީ
އަދާލަތުޕާޓީގެ ރައީސަކު ހޮވުމަށް ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި ވޯޓުލީ މީހުންގެ 99 އިންސައްތަ ވޯޓާއެކު އެޕާޓީގެ ރައީސް ކަމުގެ މަޤާމަށް ޝައިހް މުހައްމަދު ޝިފާން އިންތިހާބުވެފައިވާ ކަމުގައި އަދާލަތުޕާޓީން ހާމަކޮށްފިއެވެ.
އަދާލަތުޕާޓީގެ އިންތިޚާބުގެ ނަތީޖާ އިއުލާނު ކުރި އިރު، ހަމައެކަނި ހާމަކޮށްފައި ވަނީ ވޯޓުގެ އިންސައްތައެވެ. ވޯޓުލީމީހުންގެ އަދަދެއް އެޕާޓީން ހާމަކޮށްފައެއް ނުވެއެވެ. އަދާލަތު ޕާޓިގެ ރައީސް ކަމުގެ މަޤާމަށް ހުޅުވާލެއްވުމުން ކުރިމަތި ލެއްވީ ދެބޭފުޅުންނެވެ. އެއީ ޝައިހް މުހައްމަދު ޝިފާނާއި، އަލްއުސްތާޛު އިކްރާމް ޢަބްދުއްސައްތާރެވެ. އިންތިޚާބުގައި އިކްރާމަށް ލިބިޑައިގެންނެވީ އެއްޕަސެންޓް ވޯޓެވެ. އިކްރާމް ވަނީ، އިންތިޚާބު ބޭއްވުމުގެ ކުރިން އިންތިޚާބު ބޮއިކޮޓް ކުރައްވައި ނަން އަނބުރާ ގެންދަވާފައެވެ،
ޢަދާލާތު ޕާޓީގެ 4 ވަނަ ދައުރުގެ ޕާޓީގެ ރައީސްއަކު ހޮވުމުގެ އިންތިޚާބު ބާއްވާފައި ވަނީ އީވޯޓިންގެ ގޮތުގައެވެ. މިގޮތުން މިއިންތިޚާބުގެ ވޯޓުލުން ކުރިޔަށް ގެންގޮސްފައި ވަނީ "ފަހިވޯޓު" މެދުވެރިކޮށެވެ. ޚިދުމަތަކީ ރާއްޖޭގެ އެކި މިނިވަން މުއައްސަސާތަކާއި ޖުޑިޝަރީ އާއި ޕަބްލިކް ކުންފުނިތަކުގެ އިތުބާރު ލިބިފައިވާ އަދި ރަސްމީކޮށް ބަލައިގަނެވޭ ޒަމާނީ ނިޒާމެއްކަމުގައިވެސް އެކަމާއި ގުޅިގެން އަމާޒުވި ފާޑުކިޔުންތަކުގެ ރައްދުގައި އަދާލަތުޕާޓީން ނެރެފައިވާ ބަޔާނުގައި ވަނީ ބުނެފައެވެ.
އަދާލަތުޕާޓީން ވޯޓުގެ އަދަދުތައް ހާމަނުކޮށް ހަމައެކަނި އިންސައްތަ ހާމަކުރި ސަބަބަކާއި ގުޅޭ ގޮތުން އެޕާޓީން އެއްވެސް ވާހަކައެއް ނުދައްކައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް