ކުޑަކުއްޖަކާއި ބެހުމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ ވަޒީރު ޢަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައިފި
ލިޔުންތެރިޔާ
ކުރީގެ ވަޒީރު ޢަބްދުﷲ ޝާހިދު ---- ފޮޓޯ: ޕޮލިސް
ކުޑަކުއްޖަކާއި ބެހުމުގެ ތުހުމަތުގައި ފުލުހުން ރޭ ހައްޔަރު ކުރި ކުރީގެ ވަޒީރު ޢަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.
ފުލުހުން ޢަބްދުﷲ ޝާހިދު ރޭ ހައްޔަރުކޮށްފައި ވަނީ، އޭނާ ދިރިއުޅުއްވަމުން ގެންދެވި ހުޅުމާލޭ ފޭސް 1ގައި ހުންނަ ފްލެޓުންނެވެ. ޢަބުދުއްﷲ ޝާހިދު ހައްޔަރުކުރީ ރޭ އިރާކޮޅު 21:59 ހާއިރުގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
ޢަބްދުﷲ ޝާހިދުގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ޙާޟިރުކުރުމުން އޭނާގެ ބަންދަށް 30 ދުވަސް ކޯޓުން ޖަހައިދީފައިވާކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
ޢަބުދުﷲ ޝާހިދުގެ މައްޗަށް ތުހުމަތު ކުރެވިފައި ވަނީ، އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކާއި މެދު ޖިންސީ ގޯނާކޮށްފައިވާ މައްސަލައެވެ. ރާއްޖޭގައި ޢަމަލުކުރަމުން އަންނަ ޤާނޫނުތަކުގެ ދަށުން، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަކީ ބޮޑު ޖަލުހުކުމެއް އަންނަ ކުށެކެވެ. އަދި އެކުށްކުރީ ކުއްޖާގެ އާއިލީ އަދި އިތުބާރު ހިފޭ މަޤާމެއްގައި ހުރި މީހަކު ނަމަ އެކުށުގެ އަދަބު އިތުރަށް ބޮޑުވާނެއެވެ. އަދި އެއީ ކްލެމެންސީގެ ޙައްޤުތައްވެސް ނުލިބޭނެ ކުށެއްގެ ގޮތުގައި ކަނޑައަޅާފައި ވެއެވެ.
ޢަބްދުﷲ ޝާހިދަކީ، އދ.ގެ އާއްމު މަޖިލީހުގެ ރައީސް ކަމުގެ މަޤާމާއި، ދައުލަތުގެ އިސްމަޤާމިުތައްވެސް ފުރުއްވައި، ދައުލަތުގެ އެންމެ މަތީ ޝަރަފްތައްވެސް އަރުވާފައިވާ ބޭފުޅެކެވެ.
ޝާހިދު ފުރުއްވި މުހިއްމު މަޤާމުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރުކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި، އެމްޑީޕީގެ ރައީސްކަންވެސް ހިމެނެއެވެ.
ރޭ ޝާހިދު ހައްޔަރުކުރި އިރު، އޭނާ ވަނީ، 2028 ވަނަ އަހަރުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢުލާނުކުރައްވައި، ކެމްޕޭންވެސް ފައްޓަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް