މާލޭގެ ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލްތަކުގެ ގަވަނިން ބޯޑުތައް އުވާލައްވައިފި
ލިޔުންތެރިޔާ
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުވުމުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް
ސަރުކާރުގެ ޓަރޝަރީ ހޮސްޕިޓަލުތަކާއި ޓަރޝަރީ ފެންވަރަށް ތަރައްޤީކުރަމުންދާ ސަރުކާރުގެ ހޮސްޕިޓަލުތައް އެއް ގަވަރނިންގ ބޯޑެއްގެ ދަށުން، ހައިބްރިޑް ސެންޓްރަލައިޒްޑް މޮޑެލްއަކަށް ހިންގަމުންދާނެ އިންތިޒާމު ހަމަޖެއްސެވުމަށް ހޮސްޕިޓަލްތައް ހިންގުމަށް މީގެ ކުރިން އެކުލަވާލައްވާފައިވާ ބޯޑުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އުވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމް.ސީ.ޖީ.އެޗް)އާއި އިތުރު 5 ހޮސްޕިޓަލެއްގެ ގަވަރނިންގ ބޯޑުތައް ސަރުކާރުން އިއްޔެ ވަނީ އުވާލައްވާފައެވެ. އަދި އޭގެ ބަދަލުގައި އެ ހޮސްޕިޓަލްތައް ހިންގެވުމަށް މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް (އެމް.ޓީ.އެޗް.ޖީ) ރައީސުލްޖުމްހޫރިއްޔާ ވަނީ އުފައްދަވާފައެވެ.
އަދި މި ބޯޑުގެ މަޤާމުތަކަށް 18 ބޭފުޅަކު ޢައްޔަނުކުރައްވާފައި ވާއިރު، މި ބޯޑުގެ ޗެއާޕަރސަންއަކަށް ޢައްޔަނު ކުރައްވާފައި ވަނީ، ޑރ. ޢަބްދުލް ޢަޒީޒު ޔޫސުފެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް (އެމް.ޓީ.އެޗް.ޖީ)ގެ ގަވަރނިންގ ބޯޑަކީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން، އެމަނިކުފާނަށް ޖަވާބުދާރީވާ، އަދި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއާ ގުޅިފައިވާ ގޮތަށް ހިނގަމުންދާނެ ބޯޑެއް ކަމަށެވެ.
މި ބަދަލާއެކު، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމް.ސީ.ޖީ.އެޗް)، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ގަން ރީޖަނަލް ހޮސްޕިޓަލް، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް، އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑުތައް ވަނީ އުވައިލައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް