Post banner
ރާއްޖެ

އިންޖިނިއަރިންގ ލެބޯޓްރީއެއް ރާއްޖޭގައި ޤާއިމް ކުރަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އިންޖިނިއަރިންގ ލެބޯޓްރީއެއް ރާއްޖޭގައި ޤާއިމް ކުރަނީ

ދިވެހިރާއްޖޭގައި އެންމެ ޒަމާނީ އިންޖިނިއަރިންގ ލެބޯޓްރީއެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، މިއަދު ފާހަގަ ކުރާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ ވީޑިއޯ މެސެޖުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައި ވަނީ، ރާއްޖޭގައި ޤާއިމު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ އެންމެ ޒަމާނީ އިންޖިނިއަރިންގ ލެބޯޓަރީ ޢިމާރާތަކީ، އިންޖިނިއަރިންގގެ ހުރިހާ ދާއިރާއެއްގެ ޚިދުމަތް، އެއްތަނަކުން ލިބޭނެގޮތަށް ފަރުމާކުރެވިގެންދާނެ ޢިމާރާތެއްކަމުގައެވެ. މިގޮތުން މި ލެބޯޓަރީގައި ސިވިލް އިންޖިނިއަރިންގ، މެކޭނިކަލް އިންޖިނިއަރިންގ، އިލެކްޓްރިކަލް އިންޖިނިއަރިންގ، އިލެކްޓްރޯނިކް އިންޖިނިއަރިންގ، ސޮފްޓްވެއަރ އިންޖިނިއަރިންގ، އެއަރކްރާފްޓް އިންޖިނިއަރިންގ، އެއިރޮނޮޓިކަލް އިންޖިނިއަރިންގ، ރޮބޮޓިކްސްއާއި، އޭއައިގެ އިތުރުން، ޑިޖިޓަލް އިންޖިނިއަރިންގގެ ހުރިހާ ދާއިރާއެއް ފުރިހަމަވެފައި ހުންނާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ޢިމާރާތް ބިނާކުރުމަށް، ބޭނުންވާ ފަންނީ މަސައްކަތްތަކާ އެހެނިހެން އިންތިޒާމުތައް، ސަރުކާރުން މިހާރު ހަމަޖައްސަވަމުން ގެންދަވާކަމަށެވެ. މި ޢިމާރާތް ބިނާކުރައްވައި، ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސަވާފައިވަނީ، ދައުލަތުގެ ބަޖެޓުގައި ނުހިމަނާ ކަމުގައިވެސް، ރައީސް ވަނީ ވިދާޅުވެފައެވެ.

މި ލެބޯޓްރީއަކީ، އިންޖިނިއަރިންގގެ ދާއިރާތަކުން އެކި ކަހަލަ ތަޙްލީލުތައް ކުރުމަށް ބޭނުންވާ، ރާއްޖޭގެ ހުރިހާ ދަރިވަރުންނާ، ރާއްޖެއިން ބޭރުންވެސް، މިފަދަ ތަޙްލީލުތައް ކުރަން ބޭނުންވާ ފަރާތްތަކަށް، އެފަދަ ތަޙްލީލުތައް ކުރެވޭނެ ފެންވަރުގެ ލެބޯޓްރީއަކަށް، ހެދުމަށް ސަރުކާރުން ގަސްދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގައި އެންމެ ޒަމާނީ އިންޖިނިއަރިންގ ލެބޯޓްރީއެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ވިދާޅު ވިއިރު، އެމަޝްރޫޢާއި ގުޅޭ ގޮތުން މީގެ ކުރިން ސަރުކާރުން އެއްވެސް އެއްޗެއް ހާމަ ކޮށްފައެއް ނުވެއެވެ. އަދި އެމަޝްރޫޢު ކުރިޔަށްދާ ގޮތުގެ ތަފްސީލެއްވެސް ރައީސް ހިއްސާކުރައްވާފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް