މަރުވެފައިވާ މީހުންނަށްވެސް 10 މިިލިއަން ރުފިޔާ އެންސްޕާއިން ޖަމާކޮށްދީފައިވާ ކަމަށް ބުނެފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ -- ފޮޓޯ: އެންސްޕާ
ފާއިތުވި އަހަރުތަކުގައި، އެންސްޕާއިން ވަނީ، މަރުވެފައިވާ މީހުންނަށްވެސް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިކަމުގައި، އެންސްޕާގެ ސީއީއޯގެ މަޤާމަށް އަލަށް ހަވާލުވެވަޑައިގެންނެވި، އާމިނަތު ޝިރުނާ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގްރާމެއް ވާހަކަފުޅު ދައްކަވަމުންނެވެ.
ޝިރުނާ ވިދާޅުވީ، އެންސްޕާގައި ރަޖިސްޓްރީވެފައިވާ މީހުންގެ ތެރެއިން 700އެއްހައި މީހުންނަށް، އެމީހުން މަރުވި ފަހުންވެސް ފައިސާ ޖަމާކޮށްދެވިފައިވާ ކަމަށެވެ. އެމީހުންނަށް ފައިސާ ޖަމާކޮށްދެވިފައި ވަނީ، އެންސްޕާގެ މޮނިޓަރިން ސެކްޝަން 2020 ވަނަ އަހަރު އުވާލުމަށް ފަހު، މޮނީޓަރކޮށް ބެލެހެއްޓުން ބޮއްސުންލައިގެން ގޮސްފައި އޮތުމުން ކަމުގައި އޭނާ ވިދާޅުވިއެވެ.
އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދެވޭ ގޮތް ރަނގަޅަށް މޮނީޓަރކޮށް ނުބެލެހެއްޓި ގޮސްފައިވާތީ، މަރުވެފައިވާ މީހުންގެ އެކައުންޓްތަކަށް ޖަމާކުރެވި، ދައުލަތަށް ގެއްލުނު ފައިސާގެ އަދަދު 10 މިލިޔަނަށްވުރެ މަތި ކަމުގައިވެސް ޝިރުނާ ވަނީ ފާހަގަކުރައްވާފައެވެ.
ޝިރުނާ ވިދާޅުވީ، އެންސްޕާގެ މޮނިޓަރިން މަސައްކަތްތައް ހަރުދަނާކުރުމަށް މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށެވެ. މިގޮތުން ދައުލަތުން އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދޭ 15000 ވުރެ ގިނަ މީހުންގެ މައުލޫމާތުތައް އަދާހަމަކޮށް، ބެލެހެއްޓުމަކީ މިހާރު ޚާއްޞަ އިސްކަމެއްދީގެން ކުރިޔަށް ގެންދަން ރާވާފައިވާ ކަމެއް ކަމުގައި އޭނާ ވިދާުޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް