ތިލަފުށި ކުނިގޮނޑުގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވުނީ 10 ގަޑިއިރު ފަހުން
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރޭ ތިލަފުށީ ވެމްކޯ ސައިޓުގައި ރޯވި އަލިފާން، އިތުރަށް ފެތުރިގެން ނުދާ ވަރަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ތިލަފުށީ ފަޔަރ ސްޓޭޝަނުން ވަނީ މިހާރު ކޮންޓްރޯލްކޮށްފައި ކަމުގައި އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ތިލަފުށީ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ ރޭ 22:20 ހާއިރު. މަޢުލޫމާތު ލިބުމުން، ތިލަފުށީ ފަޔަރ ސްޓޭޝަނާއި، މާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ދިޔައީ ކުރަމުން ކަމަށެވެ. އަދި އަލިފާންގަނޑު އިތުރަށް ފެތުރިގެން ނުދާ ވަރަށް ކޮންޓްރޯލް ކުރެވިފައިވަނީ މިއަދު 08:00 ހާއިރުގައި ކަމަށްވެސް އެމްްއެންޑީއެފުން ވިދާޅުވިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، އަލިފާނުގެ އަސަރު ކުނިތަކުގައި ހުރުމުން ފަޔަރ ފައިޓަރުން ދަނީ އަދިވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންކަމަށާއި، ރޯވެފައިވަނީ ކުނިގޮނޑެއްގައި ކަމުން އެއްކޮށް އަލިފާން ނިއްވާލުމަށް އިތުރު ވަގުތު ހޭދަވާނެކަމަށް ބެލެވޭ ކަމަށެވެ.
ތިލަފުށީ ކުނިގޮނޑުގައި ރޭ ރޯވެފައި ވަނީ، ކުނިއަޅާ ސަރަހައްދު ފުރި ކުނި މެނޭޖުކުރުމަށް ދަތިތަކާއިވެސް ކުރިމަތިވެފައި ވަނިކޮށް ކަމުގައި މައުލޫމާތު ލިބިފައި ވެއެވެ. ތިލަފުށީ ކުނިގޮނޑުގައި ރޯވި ސަބަބަކާއި ގުޅޭ ގޮތުން މިހާތަނަށް، ވެމްކޯއިން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް