Post banner
ރާއްޖެ •

ޤަވާއިދަށް ގެނައި ބަދަލާއި އެކު މަޖިލީހުގައި ބަހުސް ނުކޮށް ފުރަތަމަ ފަހަރަށް ޤަރާރެއް ބޭރުކޮށްލައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޤަވާއިދަށް ގެނައި ބަދަލާއި އެކު މަޖިލީހުގައި ބަހުސް ނުކޮށް ފުރަތަމަ ފަހަރަށް ޤަރާރެއް ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލިސް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހުށައަޅާ ޤަރާރުތަކަށް ބަހުސް ކުރުމުގެ ކުރިން، އެ ޤަރާރެއް ބަލައިގަންނަން ފެނޭތޯ ވޯޓަށް އަހާގޮތަށް މަޖިލީހުގެ ޤަވާއިދު އިސްލާޙް ކުރުމަށް ފަހު، ބަހުސް ކުރުމަކާއި ނުލައި، ފުރަތަމަ ފަހަރަށް މިއަދު ޤަރާރެއް ބަލައިނުގަނެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މިއަދު މަޖިލީހުން ބަހުސް ކުރުމަކާއި ނުލައި ބޭރުކޮށްލާފައި ވަނީ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) ހުށައެޅުއްވި، އެއްވެސް އަސާސެއް ނެތި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރި މައްސަލަ އާއި ގުޅިގެން އެކަމާއި މެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށައެޅި ޤަރާރެވެ.

މިޤަރާރަށް ބަހުސްކުރުމުގެ ކުރިން ނެގި ވޯޓުގައި، ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ 28 މެމްބަރުން ވޯޓު ދެއްވީ ޤަރާރު މަޖިލީހަށް ބަލައިގަންނަން ނުފެންނަ ކަމަށެވެ. ފެންނަކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 7 މެމްބަރުންނެވެ.

ސްޕްރީމްކޯޓުގެ ތިން ފަނޑިޔާރަކު މަޤާމުން ވަކިކޮށްފައި ވަނީ، ޤާނޫނު އަސާސީއަށް އިސްލާޙް ގެނެސް ޕާޓީއެއްގެ ކުޑަ ކޮމިޓީއަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގެނައި ބަދަލާއި ގުޅިގެން ސްޕްރީމްކޯޓަށް ހުށައެޅުނު ދުސްތޫރީ މައްސަލަ ސަރުކާރުން ބޭނުންވާ ގޮތާއި ދެކޮޅަށް ނިމިދާނެކަމަށް ބެލެވިފައި ވަނިކޮށެވެ. ސްޕްރީމްކޯޓުގެ ތިން ފަނޑިޔާރުންނާއި ދެކޮޅަށް އޭސީސީއަށް މައްސަލަ ހުށައެޅުމަށްފަހު، ޝަރީއަތުގެ އަޑުއެހުމަށް ފަނޑިޔާރުން ވަންނަން ތައްޔާރުވެފައި ތިއްބައި، ޖޭއެސްސީން ވަނީ ފަނޑިޔާރުން ސަސްޕެންޑްކޮށްފައެވެ. އަދި މަޖިލިސް މެދުވެރިކޮށް ފަނޑިޔާރުން މަޤާމުން ވަކިކުރި އިރު، ފަނޑިޔާރުން ޖިނާޢީކުށެއް ކުރައްވާފައި ނުވާކަމަށް ނިންމައި، މިއަހަރުގެ ސެޕްޓެމްބަރު މަހު 30 ވަނަ ދުވަހު ޕީޖީން ވަނީ އެމައްސަލައިގައި ދައުވާ ނުކުރެވޭނެ ކަމަށް ނިންމާފައެވެ.

ސަރުކާރުން މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވައި، ސްޕްރީމްކޯޓުގެ ފަނޑިޔާރުން މަޤާމުން ވަކިކުރީ، ޤާނޫނު އަސާސީއަށް ގެނައި ބަދަލު ސްޕްރީމްކޯޓުން ބާޠިލްކޮށްފި ނަމަ، މިސަރުކާރަށް މަޖިލީހުގެ މެމްބަރުން ކޮންޓްރޯލް ނުކުރެވޭނެތީ ކަމުގައި، އިދިކޮޅު ސިޔާސީ ފަރާތްތަކުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް