މަޖިލީހުގެ ކޯރަމް ހަމަނުވާތީ މިއަދުގެ ޖަލްސާ ކެންސަލްކޮށް، މާދަމާ އިތުރު ޖަލްސާއެއް ބާއްވަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގެ ރިޔާސަތު މަޖިލިހުގެ ނައިބު ރައީސް ނާޒިމް ބަލަހައްޓަވަނީ --- ފޮޓޯ: މަޖިލިސް
މިއަދު ބޭއްވުމަށް ތާވަލްކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަނުވުމުގެ ސަބަބުން މިއަދުގެ ޖަލްސާ ކެންސަލްކޮށް، މާދަމާ އިތުރު ޖަލްސާއެއް ބާއްވަން ތާވަލުކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވަނީ ކޯރަމް ހަމަވޭތޯ ބައްލަވާފައެވެ. އެގޮތުން 09:00 ގައި ކޯރަމް ހަމަނުވެގެން ޖަލްސާ ނުފެށި ނާޒިމް ވަނީ 10:00 އަށް ކޯރަމް ހަމަވޭތޯ ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް 10:00 ވެސް ކޯރަމް ހަމަނުވުމުން ނާޒީމް ވަނީ ޖަލްސާ ކެންސަލްކުރައްވާފައިވާކަން އިއުލާނުކޮށް، މާދަމާ ހެނދުނު 09:00 އަށް ޖަލްސާއެއް ތާވަލްކޮށްފައެވެ.
މަޖިލީހުގެ މިއަދުގެ އެޖެންޑާގައި ބަހުސްކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ ސައިބަރ ބިލާއި ޒާތީ މައުލޫމާތު ރައްކާތެރިކުމުގެ ބިލަށެވެ. އަދި ބޭރު ގައުމުތަކަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރުންނާއި ގުޅޭ މައްސަލަ އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުން ހިމެނެއެވެ. މީގެ އިތުރުން އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލަށް އިޖްތިމާއި ކޮމިޓީން ދިރާސާކޮށް ނިންމު ގޮތުގެ ރިޕޯޓު ހުށައެޅުމަށްވެސް ވަނީ ތާވަލްކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އާންމުކޮށް ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން މަޖިލީހުގެ ޖަލްސާއެއް މަދުވެގެން ހަފުތާއެކު ތިން ދުވަހު ބާއްވަންޖެހޭނެއެވެ.
މިއަދު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް