ވެރިކަމަށް 3 އަހަރު ފުރެން 17 ދުވަހަށް ވެފައި ވަނިކޮށް، ފޯޅަވަހި ކަނޑުގެ މައްސަލަ ބަލަން ރިޔާސީ ކޮމިޝަނެއް އުފައްދަވައިފި
ލިޔުންތެރިޔާ
މިކޮމިޝަނުގެ ރައީސަކަށް ޢައްޔަނުކުރައްވާފައި ވަނީ، އަލްއުސްތާޛް އަޙްމަދު ޝާކިރެވެ.
ދިވެހިރާއްޖެއާ ފޯޅަވައްސާ ދެމެދު ކަނޑުގައިވާ ކަނޑުގެ ސަރަޙައްދު ބައިކުރުމަށް، ކުރީ ސަރުކާރުން ޢަމަލުކުރި ގޮތް ތަޙްޤީޤު ކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޚާއްޞަ ކޮމިޝަނެއް އުފައްދަވައިފިއެވެ.
މި ކޮމިޝަން އުފައްދަވާފައިވަނީ މޮރިޝަސްގެ ފަރާތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހަޅައިގެން ކުރިއަށްދިޔަ މައްސަލަ ދިރާސާކޮށް ރާއްޖެއިން ކުރިޔަށްދާނޭ ގޮތެއް ހޯދުމަށް ޢައްޔަނުކުރެވުނު ބައިނަލްއަޤްވާމީ ޚަބީރުންގެ ރިޕޯޓުތަކުގައި ރާއްޖޭގެ ސަރަހައްދުން ބޮޑު ސަރަޙައްދެއް ގެއްލިގެން ދިޔައީ، ދިވެހިރާއްޖެއިން ކަންކުރިގޮތުން ކަމުގައި ލަފާދެއްވާފައިވާތީ، އަދި މިއީ ރާއްޖޭގެ މަސްވެރިކަމަށާއި ކަނޑުގެ އަދި ކަނޑުއަޑީގެ ބިމުގެ މުއްސަނދިކަމަށް ލިބުނު ފޫނުބެއްދޭނެވަރުގެ ބޮޑު ގެއްލުމަކަށްވާތީ މި މައްސަލަ ބައްލަވައި ފިޔަވަޅު އެޅުއްވުމުގެ ގޮތުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި މި ކޮމިޝަނަށް 7 މެމްބަރަކު ވަނީ ޢައްޔަނު ކުރައްވާފައެވެ. އެމެމްބަރުންނަކީ:
1. އަލްއުސްތާޛު އަޙްމަދު ޝާކިރު (ނ.ދ.ޝ.ޢ)
2. އަލްފާޟިލް ޢަބްދުލްޢަޒީޒް ޔޫސުފް
3. ޑރ. އާމިނަތު ޝާފިޔާ އާދަމް
4. ޑރ. ޢަބްދުލްމުޙްސިން މުޙައްމަދު
5. ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރޓޑ) މުޙައްމަދު ޞާދިޤް
6. އަލްފާޟިލް އަޙްމަދު ޢަލީމަނިކު
7. އަލްއުސްތާޛާ ފާޠިމަތު މިންހަތު ޢިއްޒަތު އެވެ.
މިކޮމިޝަނުގެ ރައީސަކަށް ޢައްޔަނުކުރައްވާފައި ވަނީ، އަލްއުސްތާޛް އަޙްމަދު ޝާކިރެވެ.
މި ކޮމިޝަނަކީ ކޮމިޝަނަށް މަތިކޮށްފައިވާ މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމާ ހަމަޔަށް ދެމިއޮންނާނޭ ކޮމިޝަނެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ކަނޑައަޅުއްވާފައެވެ.
ކަނޑުގެ މައްސަލައިގައި، ކުރީ ސަރުކާރުން ކަންތައްކޮށްފައިވާ ގޮތް ބެލުމަށް ޚާއްޞަކޮމިޝަނެއް އުފެއްދެވި އިރު، ކުރިންވެސް އެމައްސަލަ ބެލުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކޮމިޓީއެއް އުފެއްދެވިއެވެ. އަދި އެކޮމިޓީގެ މަސައްކަތްތަކަށްފަހު ނިންމާފައި ވަނީ، އެމައްސަލައިގައި ކުރީ ސަރުކާރުން ޢަމަލު ކުރީ ރާއްޖެއަށް ގެއްލުންވާ ގޮތަށް ކަމަށެވެ.
ޤާނޫނުލް ޢުޤޫބާތު އިސްލާޙްކޮށް، އިޤުތިޞާދަށް ގެއްލުންދޭ މީހުންނަށާއި، ޤައުމީ މަސްލަހަތު ނަގާލައި، ޤައުމަށް "ޣައްދާރު"ވާ މީހުންނަށް ޢުމުރުދުވަހުގެ ޖަލު ޙުކުމެއް އަންނަ ގޮތަށް، ފާސްކުރަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ އިރު، މިއަދު އުފެއްދި ކޮމިޝަންގެ ބޭނުމަކީ، ރާއްޖޭގެ ސަރަހައްދުން ބޮޑު ސަރަޙައްދެއް ގެއްލިގެން ދިޔައީ، ދިވެހިރާއްޖެއިން ކަންކުރިގޮތުން ކަމުގައި ލަފާދެއްވާފައިވާތީ، އަދި މިއީ ރާއްޖޭގެ މަސްވެރިކަމަށާއި ކަނޑުގެ އަދި ކަނޑުއަޑީގެ ބިމުގެ މުއްސަނދިކަމަށް ލިބުނު ފޫނުބެއްދޭނެވަރުގެ ބޮޑު ގެއްލުމަކަށްވާތީ މި މައްސަލަ ބައްލަވައި ފިޔަވަޅު އެޅުއްވުމުގެ ގޮތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ބުނެފައެވެ. އެހެން ކަމުން، މި އުފެއްދެވި ޚާއްޞަ ކޮމިޝަނަކީ، ކުރީގެ ސަރުކާރުގެ އިސްވެރިންގެ މައްސަލަތައް ބަލައި ދައުވާކޮށް އަދަބު ދިނުމަށް އުފެއްދެވި ކޮމިޝަނެއް ކަމަށް ވަނީ ބެލެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް