Post banner
ރާއްޖެ •

އާއްމުންގެ ޚިޔާލު ނުހޯދާނަމަ، ރަސްމާލެ ޕްރޮޖެކްޓް ހުއްޓުވަން މުޒާހަރާކުރަން ފާސްކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އާއްމުންގެ ޚިޔާލު ނުހޯދާނަމަ، ރަސްމާލެ ޕްރޮޖެކްޓް ހުއްޓުވަން މުޒާހަރާކުރަން ފާސްކޮށްފި

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މިރޭގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ޙުސައިން ޝާފިޢު

ޔޫއޭއީގެ މަހުޖަނު، މުޙައްމަދު އަލް އައްބާރަށް، ރަސްމާލޭގެ 500 ހެކްޓަރުގެ ބިން ހިލޭ ދިނުމުގެ ކުރިން އާއްމު ޚިޔާލު ހޯދުމުގެ ވޯޓެއް ނުނަގައިފިނަމަ، މުޒާހަރާކުރަން އެމްޑީޕީގެ ޤައުމީ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މިރޭގެ ބައްދަލުވުމުގައި، އެޤަރާރު ފާސްކުރެއްވީ، ވޯޓުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުންނެވެ. އެ ޤަރާރު ފާސްކުރުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 57 މެމްބަރުން ވޯޓު ދެއްވިއެވެ. އެޤަރާރާއި ދެކޮޅު ހެއްދެވީ، އެމްޑިޕީގެ ޗެއާޕަރސަން، އަދި ޤައުމީ މަޖިލީހުގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކަންޏެެވެ.

މިރޭ ފާސްކުރި ޤަރާރަކީ، ކޮލަމާފުށި ދާއިރާގެ ރައީސް މަހްފޫޒު ސައީދު ހުށައެޅުއްވި ޤަރާރެކެވެ. އެ ޤަރާރަށް ތާއީދު ކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރެވެ.

މަހުފޫޒު ސަޢީދު ހުށައެޅުއްވި އެ ޤަރާރުގައި ވަނީ، ސަރުކާރުން އީގަލް ހިލްސްއާއެކު ރަސްމީ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން، އާއްމުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި، އަދި މިހާރު ސޮއިކޮށްފައިވާ ކޮމާޝަލް ޓަރމްސް އެއްބަސްވުންވެސް ހާމަކުރުމަށް ގޮވާލާފައެވެ.

މިހިނގާ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރަސްމާލެ އީގަލް ހިލްސްއަށް ދިނުމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކުރާނެ ކަމުގެ އަޑުތައް ފެތުރިފައި ވާއިރު، އެމްޑީޕީން މިރޭ ވަނީ، ނޮވެމްބަރި 15ގެ ކުރިން ފެންނަ ނުފެންނަ ވޯޓު ނުނަގާނަމަ، އެތާރީޚުގެ ފަހުން ސީދާ ހަރަކާތަށްވެސް ނުކުތުމަށް ފާސްކޮށްފައެވެ.

އީގަލް ހިލްސްއަށް ރަސްމާލެ ދިނުމަށް، ތާޢީދު ކުރައްވައި، ރައީސް ނަޝީދު ވާހަކަފުޅު ދައްކަވައި އެކަމަށް ބާރު އަޅުއްވަމުން ގެންދެވި ނަމަވެސް، އެމްޑީޕީގެ ޤައުމީ މަޖިލީހުން މިރޭ ނިންމާފައި މިވަނީ، ރައީސް ނަޝީދު ދެކެވަޑައިގަންނަވާ ގޮތާއި ސީދާ ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް