މަޝްރޫޢުތައް ހިނގާ ގޮތް ބަލަން ޔުނިޓްތަކެއް އުފައްދަވަން ނިންމަވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް
ސަރުކާރުގެ މަޝްރޫޢުތައް ކުރިޔަށްދާ ގޮތް ބެލުމަށްޓަކައި ކޮންމެ މިނިސްޓްރީއެއްގައިވެސް އެކަމަށް ޚާއްޞަ ޔުނިޓެއް އުފެއްދެވުމަށް ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި މިނިންމެވުން ނިންމަވާފައި ވަނީ، އާދިއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައެވެ.
މިޔުނިޓްތައް އުފެއްދެވުމުގެ ބޭނުމަކީ، މަޝްރޫޢުތައް ހިނގަމުންދާގޮތް ދުވަހުން ދުވަހަށް ވިލަރެސްކުރަމުން ގެންދިޔުންކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައި ވެއެވެ. މީގެ އިތުރުން، ސަރުކާރުގެ ހުރިހާ މަޝްރޫޢުތަކާއި ހަރަކާތްތައް ވިލަރެސްކުރެއްވުމަށް ބޭނުންކުރައްވާ "ދުވެލި" ޕޯޓަލް އާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއިން ތައްޔާރުކުރައްވާފައިވާ "ޕަބްލިކް އިންވެސްޓްމަންޓް މެނެޖްމަންޓް ސިސްޓަމް, (PIMS)" ޕޯޓަލް، މި ހަފުތާގެ ނިޔަލަށް އަދާހަމަކުރައްވައި، އެއަށްފަހު ވަގުތުން ވަގުތަށް އަދާހަމަކުރައްވަމުން ގެންދެވުމަށްވެސް ވަނީ ނިންމަވާފައެވެ.
އަދި ހަމައެއާއެކު، ސަރުކާރުން ކުރިއަށް ގެންދަވާ މަޝްރޫޢުތައް ކުރިއަށް ގެންދެވުމުގައި އެކިއެކި ވުޒާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދުވަހުން ދުވަހަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެ މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވުމަށްޓަކައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގައި އެކަމަށް ޚާއްޞަ ޓީމެއް އެކުލަވާލެއްވުމަށްވެސް ކެބިނެޓުން ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ މަޝްރޫޢުތައް ކަނޑައަޅާފައިވާ ތާރީޚުތަކަށް ނިންމެވުމަށްޓަކައި، މި މަޝްރޫޢުތައް ހަވާލުކޮށްފައިވާ ކުންފުނިތަކާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއާއެކު ޚާއްޞަ މަސައްކަތްތަކެއް ކުރެއްވުމަށްވެސް ކެބިނެޓުގައި މަޝްވަރާކުރައްވައި ނިންމަވާފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހާމަކުރައްވާފައެވެ.
މިސަރުކާރު ވެރިކަމަށް އައިރު، ސަރުކާރުން ހިންގާ ހުރިހާ މަޝްރޫޢުތަކަކާއި އެމަޝްރޫޢުތަކުގެ މައުލޫމާތު އާއްމު ރައްޔިތުންނަށް ބެލޭނޭ ގޮތަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން، "އައިލްސް" ނަމުގައި ވެބްސައިޓެއް ހިންގަމުން ގެންދިޔައެވެ. އެހެން ނަމަވެސް މިސަރުކާރު ވެރިކަމަށް އައުމަށް ފަހުގައި އެވެބްސައިޓް ޑައުންކޮށްފައި ވާތީ، ސަރުކާރުން ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކާއި އެމަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ރައްޔިތުންނަށްވެސް ފަސޭހައިން ހޯދޭނެ ގޮތެއް މިހާރަކު ނޯވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް