ދުނިޔެ

އިރާނުން ދިން ވަރުގަދަ ހަމަލާގައި ލިބުނު ގެއްލުންތައް ނަތަންޔާހޫ ބަލާލައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އިރާނުން ދިން ވަރުގަދަ ހަމަލާގައި ލިބުނު ގެއްލުންތައް ނަތަންޔާހޫ ބަލާލައިފި

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ --

ރޭ އީރާނުން އިޒްރޭލަށް ދިން ހަމަލާތަކުގައި ގެއްލުން ލިބުނު ތަންތަން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބަލާލައިފިއެވެ.

މިގޮތުން ނަތަންޔާހޫ ވަނީ، އަރަދު އަށާއި ޑައިމޯނާއިން ގެއްލުން ލިބުނު ސަރަހައްދުތަކަށް ސެކިއުރިޓީއާއެކު ގޮސްފައެވެ.

އީރާނުން ރޭ އަރަދުއާ ޑައިމޯނާއަށް ދިން ހަމަލާތަކުގައި 100 ވުރެ ގިނަ މީހުން ޒަޚަމްވެ 6 މީހުން މަރުވިއެވެ. އެހެން ނަމަވެސް އެތަންތަން ބަލާލުމަށްފަހު ނަތަންޔާހޫ ބުނީ، އީރާނުގެ ވަރުގަދަ ހަމަލާތަކުގައި އެއްވެސް މީހަކު މަރު ނުވާކަމަށެވެ. އަދި އެއީ މުޢުޖިޒާތެއް ކަމުގައިވެސް ނަތަންޔާހޫ ބުންޏެވެ.

އިޒްރޭލަށް ލިބުނު ބޮޑެތި ގެއްލުންތަކާއި ގުޅޭ ގޮތުން، ނަތަންޔާހޫ ބުނީ، އީރާނުން ހަމަލާދެމުން އަންނަނީ، އިޒްރޭލުގެ އާއްމު ރައްޔިތުންނަށް ކަމަށެވެ. އަދި ޑިއޭގޯ ގާސިއާއަށް އީރާނުން މިސައިލް ހަމަލާއެއް ފޮނުވާލިކަމަށް އިޒްރޭލާއި އެމެރިކާއިން ފަތުރާ ވާހަކަތައް އީރާނުން ދޮގުކޮށްފައި ވަނިކޮށްވެސް، ނަތަންޔާހޫ ބުނެފައި ވަނީ، ޑިއޭގޯ ގާސީއާއަށް އީރާނުން މިސައިލް ހަމަލާއެއް ފޮނުވާލުމުން މުޅި ދުނިޔެއަށް އީރާނުގެ ނުރައްކާ އޮތް މިންވަރު ހާމަވާ ކަމަށެވެ. އެހެންވެ ޔޫރަޕާއި އެހެން ޤައުމުތަކުންވެސް ހަނގުރާމައިގައި ބައިވެރިވެ އިޒްރާއީލަށް މަދަދު ދިނުމަށް ނަތަންޔާހޫ ގޮވާލިއެވެ.

ނަތަންޔާހޫ އަރަދުއާ ޑައިމޯނާއަށް މިޒިޔާރަތް ކުރެއްވި އިރު، އީރާނުގެ ހަމަލާ އަމާޒުވި އަވަށްތައް ވަނީ މުޅިން ސުންނާފަތިވެފައެވެ. އަރަދުން އެކަނިވެސް 2500 ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި އެހެން ސަރަހައްދުތަކަށް ހިޖުރަ ކުރަން ޖެހިފައިވާ ކަމުގައި އިޒްރޭލުގެ ނޫސްތަކުންވެސް ބުނެފައި ވެއެވެ.

ރޭގެ ހަމަލާތަކުގައި ގެއްލުން ލިބުނު ތަންތަން ބަލާލުމަށް ނަތަންޔާހޫ މިދިޔައީ، އީރާނުގެ ހަމަލާއެއްގައި އޭނާ މަރުވިކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް އެތައް ވީޑިއޯތަކެއް ނެރުމަށް ފަހުގައި އަދި އެ ވީޑިއޯތަކަކީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ވީޑިއޯތަކެއް ކަމުގައި ގިނަ ފަރާތްތަކުން ބުނަމުން ދަނިކޮށެވެ.

ރޭ އީރާނުން އިޒްރޭލަށް ދިން ވަރުގަދަ ހަމަލާތަކުގައި ތެލްއަވީވުގެ މެދުތެރޭގައި ހިމެނޭ ފައިނޭންޝަލް ސެންޓަރުގެ ސަރަހައްދަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ނުރަސްމީ ރިޕޯޓްތައް ބުނެއެވެ. އެހެން ނަމަވެސް އެކަން އިޒްރޭލުން ކަށަވަރުކޮށެއް ނުދެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް