ރާއްޖެ

ހަނގުރާމަ އާއި ގުޅިގެން ޤައުމުތަކުން ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އަޅާއިރު، ދިވެހި ސަރުކާރު ހިމޭނުން

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހަނގުރާމަ އާއި ގުޅިގެން ޤައުމުތަކުން ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އަޅާއިރު، ދިވެހި ސަރުކާރު ހިމޭނުން

ހަނގުރާމަ އާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ކޮމިޓީގެ މެމްބަރުން ---

އެމެރިކާ އާއި އިޒްރޭލުން އިސްވެ އީރާނާއި ދެކޮޅަށް ހަމަލާދީ ފެށި ހަނގުރާމައަށް 3 ހަފްތާ ވެގެން ދިޔައިރު، ހަނގުރާމަ އާއި ގުޅިގެން ދުނިޔޭގެ ޤައުމުތަކަށް ކުރިމަތިވަމުން އަންނަ އިޤުތިޞާދީ ދަތިތަކުން އަރައިގަތުމަށް ޤައުމުތަކުން ފިޔަވަޅުތައް އަޅަމުންދާއިރު، ދިވެހި ސަރުކާރުގެ ސަމާލުކަން އެކަމަަށް ނެތުމުން ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

ހަނގުރާމަ ފެށުމާއި އެކު ރައީސުލްޖުމްހޫރިއްޔާ ވަނީ، ހަނގުރާމައިގެ ކަންކަމާއި ގުޅިގެން ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލައްވާފައެވެ. އެކޮމިޓީން މިހާތަނަށް ބާއްވާފައި ވަނީ ނޫސްވެރިންގެ އެންމެ ބައްދަލުވުމެކެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޓީން ބުނެފައި ވަނީ، ތެލާއި ގޭސް ދަތި ނުވެ ލިބޭނެ ކަމަށެވެ. އަދި އިންތިޒާމްތައް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމުގައިވެސް ބުނެފައި ވެއެވެ. އެހެން ނަމަވެސް ސަރުކާރުގެ ކުންފުނި ފިއުލްސަޕްލައި އިން ވަނީ އަމިއްލަ ކުންފުނިތަކަށް ވިއްކާ ތެލުގެ އަގު ހޯމަ ދުވަހު ދެގުނަ ބޮޑުކޮށްފައެވެ. އެނޫސްވެރިންގެ ބައްދަލުވުމުގައި ހަނގުރާމަޔާއި ގުޅިގެން ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅަކީ ރަށްރަށުގައި އީދު ލައިޓްތައް ނުދިއްލުން ކަމުގައި ފޮރިން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ހަނގުރާމައިގެ ދަތިކަމާއި ރާއްޖެއަށް ކުރިމަތި ވަމުން އަންނައިރު، ޚަރަދުކުޑަކުރުމުގެ ގޮތުން ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނުދާތީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ. އަދި ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވަނީ ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަވަހަށް އެޅުމަށް ގޮވާލައްވާފައެވެ.

އެހެން ނަމަވެސް ސަރުކާރުން މިހަފްތާގައިވެސް ވަނީ ބައެއް މުއައްސަސާތަކަށް މުސާރަތައް ބޮޑު ކުރުމާއި އެކު މިވަގުތަށް ހިންގުން މުހިއްމު ނޫން ބޮޑެތި ގިނަ މަޝްރޫޢުތައްވެސް ކުންފުނިތަކާއި ހަވާލުކޮށްފައެވެ.

ހަނގުރާމަ އާއި ގުޅިގެން ސާކުގައި ހިމެނޭ ޤައުމުތަކުން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ. މިގޮތުން، ތެލާއި ގޭހުގެ ރިޒާވް ނެތް ގައުމުތަކުން ވަނީ މުހިއްމު ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ބަންގްލަދޭޝްގެ ހުރިހާ ސްކޫލުތަކާއި ޔުނިވާސިޓީތައް ބަންދުކޮށްފައިވާއިރު، ޕާކިސްތާނުގައި ސަރުކާރު އޮފީސްތައް ހުޅުވާނީ ހަފްތާއަކު ހަތަރު ދުވަހު ކަމުގައި ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، ސްކޫލުތައް ބަންދުކޮށް، 50% އަށް ވުރެއް ގިނަ މުވައްޒަފުން ގޭގައި މަސައްކަތްކުރާ ގޮތަށް ވަނީ ބަދަލުކޮށްފައެވެ. ލަންކާގައިވެސް ވަނީ، ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހު ސަރުކާރު ބަންދުކުރުމަށް ނިންމާފައެވެ.

ހަނގުރާމަފެށުމާއިއެކު ރައީސުލްޖުމްހޫރިއްޔާ ކޮމިޓީއެއް އެކުލަވާލެއްވި ނަމަވެސް އެކޮމިޓީ ކުރިޔަށް އެކުލަވާލާފައިވާ ޕްލޭންތަކާއި ގުޅޭ މައުލޫމާތެއް ނެތެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް