ބަނގުލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ޚާލިދާ ޒިޔާ އަވަހާރަވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ބަނގުލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާ ރޭ ފަތިހު އަވަހާރަވެއްޖެއެވެ.
އުމުރުފުޅުން 80 އަހަރުފުޅުގައި ޚާލިދާ ޒިޔާ އަވަހާރަވީ، މުސްކުޅިފުޅު އުމުރުގައި ދިމާ ގިނަ ޞިއްޙީ މައްސަލަތައް ކުރިމަތިވެ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. މިގޮތުން ހުސްވި ނޮވެމްބަރު މަހުން ފެށިގެން އެކަމަނާ އޮންނެވީ ހޮސްޕިޓަލުގައެވެ.
ޚާލިދާ ޒިޔާއަށް ކުރިމަތިވި ސިއްޙީ މައްސަލަ ތަކުގެތެރޭގައި، ނިއުމޯނިއާ އާއި ހަކުރުބައްޔާއި، ލޭމައްޗަށް ދިޔުމާއި، ހިތާއި ކިޑްނީގެ ބަލިތަކުގެ އިތުރުން އާތްރައިޓިސް އަދި ލުލުގެ ބަލިތައްވެސް ހިމެނެއެވެ. އެކަމަނާ މިއަދު އަވަހާރަވި އިރު 2026 ވަނަ އަހަރުގެ ފެބުރުއަރީ މަހު ބާއްވާ އިންތިޚާބުގައި ވާދަކުރައްވާނެކަންވެސް އޮތީ އިޢުލާނު ކުރައްވާފައެވެ.
ޚާލިދާ ޒިޔާ އަކީ ބަނގުލަދޭޝްގެ އެންމެ ފުރަތަމަ އަންހެން ބޮޑުވަޒީރެވެ. އޭނާ ތިން ފަހަރެއްގެ މަތިން ބޮޑުވަޒީރުކަން ކުރެއްވި އިރު، އެންމެ ފުރަތަމަ ބޮޑުވަޒީރުކަން ކުރައްވާފައި ވަނީ 1991އިން 1996 އަށެވެ.
ކުރީގެ ބޮޑުވަޒީރެއްގެ އިތުރުން އެކަމަނާއަކީ ކުރީގެ ފަސްޓްލޭޑީއެއްވެސް މެއެވެ. އެކަމަނާގެ ފިރިކަލުން ޒިއާއުއް ރަޙްމާނަކީ 1977 ވަނަ އަހަރުން ފެށިގެން 1981 ވަނަ އަހަރު އެމަނިކުފާނު އަވަހާރަކޮށްލުމާއި ހަމައަށް ބަނގުލަދޭޝްގެ ރައީސެވެ. ސިޔާސީ މައިދާނަށް ޚާލިދާ ޒިޔާ ނުކުންނެވީ ފިރިކަލުން ރައީސް ކަމުގެ މަޤާމުގައި ހުއްޓައި އަވަހާރަކޮށްލި ހިސާބުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް