ކުރުވާހަކަ: ދެދުނިޔޭގެ ރަޙްމަތްތެރިޔާ - ފުރަތަމަ ބައި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފްލައިޓް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމާއި އެކު އިބްރާހިމް އަވަސްވެގަތީ މާލެއަށް ދެވޭތޯއެވެ. ބެންކޮކުން ގެނައި ވިޔަފާރި މުދާ ފިހާރައަށް ގެންދިޔުމަށް ފިހާރައިގައި ގެންގުޅޭ ބިދޭސީ މީހާއާއި ހަވާލު ކުރުމަށްފަހުގައެވެ. އޭނާ ބޭނުންވީ ނިޔާޒްގެ ހާލު ބަލާށެވެ. އޭނާގެ ބަލިހާލު ބޮޑުކަމުގައި އިބްރާހީމަށް އިހްސާސް ވާތީއެވެ. ނިޔާޒް އަކީ އިބްރާހީމްގެ ދެދުނިޔޭގެ ރަހުމަތްތެރިއެކެވެ. އެކަހަލަ ރަނގަޅު ރަހުމަތްތެރިއަކު މިދުނިޔެއަކުން ނުލިބޭނެއެވެ. އިބްރާހީމަށްޓަކައި ނިޔާޒް މިދުނިޔޭގައި ގުރުބާންކޮށްފައި ނުދޭ ހަމައެކައްޗެއްވެސް ނެތެވެ. އަމިއްލަ ފުރާނަވެސް މެއެވެ.
އެދެމީހުންނަކީ މަދުރަސީ ދައުރުންފެށިގެން ދެ ރަހުމަތްތެރިންނެވެ. ކިޔެވީ އެކުގައި ވިލިގިލީ މުހިއްޔިއްދީން ސްކޫލުގައެވެ. ނިޔާޒަކީ މައިންބަފައިންނަކީ ކޮންބައެއްކަންވެސް ނޭނގޭ މީހެކެވެ. ގޮނޑުން ހޮވައިގެން ގެނެސް ސަރުކާރުން ބަލަހައްޓައި ބޮޑުކުރި މީހެކެވެ. މިދުނިޔޭގައި ނިޔާޒުގެ މީހަކަށް ހުރީ ހަމައެކަނި އިބްރާހީމެވެ. އެހެން ކަމުން ނިޔާޒުގެ އުފަލަކަށް ވެފައި އޮތީ އިބްރާހީމަށް ރަނގަޅު ދިރިއުޅުމެއް ލިބުމެވެ. އެކަމަށްޓަކައި އޭނާ އިބްރާހީމަށް އިންތިހާއަށް އެހީތެރިވިއެވެ.
އުފާވެރި ބާއްޖަވެރި ދިރިއުޅުމެއް ހޯދުމަށް ނިޔާޒްވެސް މަސައްކަތްކުރިއެވެ. މީހަކާވެސް އިނެވެ. އެކަމަކު ނަސީބު ދެރަކަމުން ނިޔާޒަކީ ދަރިއަކު ނުލިބޭ މީހަކަށް ވާތީ އަންހެނުން އޭނާގާތުން ވަރިވެގެން ދިޔައީއެވެ. އެކަމުގެ ސަބަބުން އޭނާ ދިރިއުޅުންދެކެ ފޫހިވީއެވެ. ހަޔާތާއި މެދު މާޔޫސްވީއެވެ.
އޭގެފަހުން ނިޔާޒް މީހަކާ އިންނާކަށް ބޭނުމެއް ނުވިއެވެ. އެއްވެސް މީހަކުނެތް އެކަނި ވެރިއަކަށްވުމާއި އެކު ނިޔާޒް ދިޔައީ ބޯޓު ދަތުރުކުރާށެވެ. އެކަމަކު ކޮންމެ ތަނެއްގައި ހުއްޓަސް ނިޔާޒާއި އިބްރާހީމް ފޯނުން ބައްދަލުކޮށް އެކަކު އަނެކެއްގެ ހާލު ބަލަމުން ދިޔައެވެ.
އިބްރާހީމް މީހަކާއި އިނދެ އެއްމާބަނޑު ދެކުދިން ލިބުމާއި އެކު ހުރިހާ ޚަރަދަކާއި މާލޭގައި ދިރިއުޅޭ ތަނުގެ ކުއްޔާއި އެހެނިހެން ޚަރަދުތައްކޮށްދިނީވެސް ނިޔާޒެވެ. ހަމައެކަނި ގާތްރައްޓެއްސަކަށް ވާތީއެއް ނޫނެވެ. އޭނާގެ މިދުނިޔޭގެވެސް އަދި ދެންއޮތް ދުނިޔޭގެވެސް ރަހުމަތްތެރިއަކީ އިބްރާހީމްކަމުގައި ނިޔާޒް ދެކޭތީއެވެ. އިބްރާހީމް ފިޔަވައި މިދުނިޔޭގައި އޭނާގެ އެހެން މީހަކު ނެތަތީއެވެ.
ފެރީގައި އިބްރާހީމް މާލެއަށް ދަތުރު ކުރަމުން ދިޔައެވެ. މާލޭގެ މަލަމަތި ފެންނަމުންދަނީ ޒަމާނީ ތަރައްޤީއާއި ތަހުޒީބުގެ ކުލަތަކެވެ. ބޮޑެތި ބިލްޑިންގ ތަކެވެ. މަގުމަތީގައި ދުއްވާ އުޅަނދުފަހަރުން މަގުތައްވަނީ ހަލަބޮލިވެފައެވެ. ދުއްވާއެއްޗެހީގެ އިންޖީނުގެ އަޑާއި ބަރުގޮނުގެ އަޑު ކެނޑިނޭޅި އިވެމުން ދިޔައެވެ.
ފެރީތޮށިގަނޑާއި ކައިރިކޮށްލުމާއި އެކު އިބްރާހީމް އަވަސް އަވަހަށް ކާރުން ފޭބިއެވެ. އޭރު އޭނާ ހުރީ ގެއަށް ނުދެވިގެން ކެތް މަދުވެފައެވެ. ބެންކޮކުގައި ހުރި އިރު އޭނާއަށް ދެފަހަރަކު ނިޔާޒް ހުވަފެނުންވެސް ފެނުނެވެ. ރާއްޖެއަށް ފޯނުކޮށްފައި ދަރިންގާތުގައި ނިޔާޒްކޮބައިތޯ އަހާ ކޮންމެފަހަރަކު އެމީހުންދެނީ ކުރު ޖަވާބެކެވެ. ނިޔާޒް ރަނގަޅު ކަމުގައެވެ. އެހެނަސް ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމާއި ދަރީން ކޮންމެވެސް ކަމެއް ސިއްރުކުރާކަން އިބްރާހީމަށް އެނގުނެވެ. ދަތުރު ކުރުކޮށްލާފައި އަވަހަށް ރާއްޖެއައީވެސް އެހެން ވެގެންނެވެ.
ގޭގެ ދޮރު ހުޅުވާލާފައި ވަތްއިރު އިބްރާހީމްގެ ދެކުދިން ތިބީ ސިޓިންގރޫމުގައި ޓީވީބަލާށެވެ. އިބްރާހީމް ވަނުމާއި އެކު އެއްކުއްޖަކު އަނެއްކުއްޖެއްގެ މޫނަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. ސިޓިންގ ރޫމުގެ ތެރޭގައި ފޮށި ބެހެއްޓުމަށްފަހު އިބްރާހީމް ވަނީ ނިޔާޒް އޮންނަ ކޮޓަރިއަށެވެ. ދޮރު ހުޅުވާލުމާއި އެކު އޭނާގެ ދެލޯދިޔައީ ބޮޑުވެގެންނެވެ. ކޮޓަރިތެރެ އޮތީ މުޅިން ބަދަލުކޮށްލާފައެވެ. އާފަރުނީޗަރު ވައްދާފައެވެ. އެތަނުން ނިޔާޒް ނެރެގެން ގެންގޮސްފައިވާ ކަން ކޮންމެ އެއްޗެއް ބުނެދެމުން ދިޔައެވެ. އިބްރާހީމްގެ ދަރިން ނިޔާޒް ނެރެ ފޮނުވާލީއެވެ. ޔަޤީނެވެ. އެކަމަކު އެމީހުން އޭނާ އެފޮނުވާލީ ކޮންތާކަށް ހެއްޔެވެ؟
އިބްރާހިމް ބޭރަށް ނުކުތެވެ. އޭރު އަންހެނުން ހަފީޒާވެސް ގެއަށް ވަންނަނީއެވެ.
"ނިޔާޒް ކޮބާ؟" އިބްރާހިމްގެ އަޑު ވީއްލުނެވެ. އެއްވެސް އެއްޗެކޭ ނުބުނެ ދޮށީދަރިފުޅު ސާއިމް ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ. ހަގުދަރިފުޅު ސާނިފް ގޮނޑިގައި އިންގޮތަށް އިނެވެ. ހަފީޒާ ބަލާލީ ސާނިފްގެ މޫނަށެވެ. ބައްޕައަށް ޖަވާބުދޭށޭ ބުނާކަހަލަ ގޮތަށެވެ.
"މަމިއަހަނީ ނިޔާޒްކޮބައިހޭ؟" އިބްރާހިމް އޭނާގެ ސުވާލު އަނެއްކާވެސް ތަކުރާރު ކުރިއެވެ. އެކަކަމު އެކަކުވެސް ޖަވާބެއް ނުދިނެވެ. އެމީހުން އެއްޗެކޭ ނުބުންޏަސް އެމީހުން ނިޔާޒް ފޮނުވާލީކަން އިބްރާހީމަށް އެނގެއެވެ. ނޫނީ އެމީހުން ކިޔާ އެއްޗެހީގެ ސަބަބުން ނިޔާޒް އަމިއްލައަށް ދިޔައީއެވެ. އެކަމަކު ނިޔާޒް އަމިއްލައަށް އެއްވެސް ތާކަށް ދާނީ ވަކި ކިހިނެއް ހެއްޔެވެ؟ އޭނާއަކީ ކިރިޔާ ހިނގާބިނގާވެ އުޅެވޭ ވަރު މީހެކެވެ. ބަލިހާލުގެ ސަބަބުން އޭނާއަށް ގިނައިރަކު ކޮޅަކަށް ނުހުރެވޭނެއެވެ. އިބްރާހީމަށްވުރެ ބޮޑަށް ނިޔާޒްގެ ހާލު އެނގޭނެ އެހެން މީހަކު ހުންނާނެ ހެއްޔެވެ؟
މިފަހަރު ވިޔަފާރި ދަތުރުގައި ބެންކޮކަށް ގޮސްފައިވެސް އިބްރާހީމް ބެލީ ނިޔާޒަށް ފަރުވާކުރެވޭނެ ރަނގަޅު ހޮސްޕިޓަލެއް ފެނޭތޯއެވެ. އޭނާގެ ބައްޔަށް ބޭސްކުރެވޭނެ ގޮތެއް އޮތްތޯއެވެ. އިބްރާހިމް ނޫން މީހަކު ނިޔާޒްގެ ނުހުންނާނެތީއެވެ. އަދި އިބްރާހީމް ހާލުގައި ޖެހުނު ދުވަހު އެހީވެ އޭނާގެ ކަންކަން ބެލެހެއްޓި ރަހުމަތްތެރިޔާއަށްވާތީ އެވެ. މިއަދުވެސް އިބްރާހިމް އާއި އޭނާގެ ދަރިން އެދިރިއުޅެނީ ނިޔާޒްގެ ދީލަތިއެހީގައި ހޯދި އަރާމް ދިރިއުޅުމުގައެވެ. ވީއިރު އަޅާލާނެ އެއްވެސް މީހަކު ނެތް މި ބޮޑު ދުނިޔެއަށް ނިޔާޒް އެކަނިމާއެކަނި ދޫކޮށްލަން އިބްރާހީމަށް ކެރޭނީ ކިހިނެއް ހެއްޔެވެ؟
ނިޔާޒް ބަލިހާލުގައި އިބްރާހީމްގެ ގޭގައި އޮންނަތާ މިވީ އަހަރެއްހާ ދުވަހެވެ. މިދުވަސްތަކުގެ ތެރޭގައި ނިޔާޒް ފޮނުވާލެވޭތޯ އޭނާގެ ދަރިންނާއި އަންހެނުންވެސް އެތައް މަސައްކަތެއް ކޮށްފިއެވެ. މިޒަމާނުގައި މާލޭގައި ކުއްޔަށް ހިފާފައި ހުރި ފްލެޓެއްގައި ހަމައެއްވެސް އަގެއް ނުދީ ހަމައެކަނި ރައްޓެސަކަށްވާތީ މީހަކު ބެހެއްޓޭނެތޯ އެމީހުން ސުވާލު ކުރެއެވެ. އިބްރާހީމްގެ އަންހެނުންނާއި ދަރީން ނުރުހެނީ އެކަމާއެވެ. އެކަމަކު އިންސާނިއްޔަތުކަމާއި ގާތްކަމާއި ރަހުމަތްތެރިކަމުގެ އަގަކީ ފައިސާއިން އަގު ކުރެވޭނެ އެއްޗެއް ހެއްޔެވެ؟
"ނިޔާޒް ކޮބާ" އިބްރާހީމް އައިސް ހަފީޒާކުރެން އެހިއެވެ. ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ހަފީޒާ ބަލާލީ އިބްރާހިމްގެ މޫނަށެވެ. ނުރުހުމުގެ ގޮތަކަށެވެ. ނިޔާޒް އެގޭގައި ގެންގުޅޭކަށް އިބްރާހިމްގެ ދަރިންނެއް ނޭނދެއެވެ. ޚުދު ހަފީޒާވެސް މެއެވެ. އެކަމަކު ހަޤީޤަތް އެނގުނަސް އެމީހުން ކަންތައް ކުރާނީ އެހެން ބާވައެވެ.
" ނިޔާޒް މިގޭން ނެރެ ފޮނުވާލި މީހަކު ގޮސް އޭނާ ގެނޭ! އެހެން ނޫނީ އެމީހަކު މިގޭން ހަމަ މިހާރު ނުކުމެގެންދޭ" އިބްރާހިމް ހަރުއަޑުން ބުންޏެވެ.
" ނިޔާޒް މިގެއިން ގެންދިޔައީ މާރަނގަޅު ތަނަކަށް. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް" ހަފީޒާ ބުންޏެވެ.
"ކީކޭ! ގުރައިދޫ އަށޭ!" އިބްރާހިމްގެ ދެލޯ ބޮޑުވިއެވެ. ހައިރާންވެ އަންތަރީސްވިއެވެ. އޭނާގެ ދަރީންނާއި އަނބިމީހާގެ ރަހުމު ކުޑަކަމުންނެވެ. އަމިއްލަ އެދުން ބޮޑުކަމާއި އިބްރާހީމަށް ކުރާ އިހްތިރާމެއް ނެތުމުންނެވެ. އެމީހުން ނިޔާޒް ގެއިން ފޮނުވާލާނެ ދަނޑިވަޅަކަށް ބަލައިބަލައި ތިބޭތާ އެތައް ދުވަހެއް ވެއްޖެހެން އިބްރާހީމަށްވެސް ހީވެއެވެ. އެހެން ކަމުން ވިޔަފާރި ދަތުރުގައި އިބްރާހިމް ބެންކޮކަށް ދިޔުމުން އެމީހުންނަށް ދަނޑިވަޅު ލިބުނީއެވެ.
އަންހެނުން ހަފީޒާވެސް ކުރިން ކިތަންމެ ފަހަރަކު ނިޔާޒް ހާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބަދަލުކުރާ ވާހަކަ ދައްކާފައިވެއެވެ. ތިންކޮޓަރީގެ ފްލެޓެއްގައި އެއްކޮޓަރި ނިޔާޒަށް ދީފައި އޭނާ ބަލަހައްޓަށް މީހަކުލާފައި ނުބެހެއްޓޭނެކަމަށް ބުނެއެވެ. އެކަމަށް އެތައް ފައިސާއެއް ޚަރަދުވާތީ ހިތްހަމަ ނުޖެހިގެންނެވެ. އޭގެ އިތުރަށް ސާއިމް އާއި ސާނިފްވެސް ބޮޑެތިވެ މީހުންނާއި އިންނަ އުމުރަށް އައިރު ނިޔާޒް ހުންނާތީ ދެކުދިންނަށް ވަކިން ދެކޮޓަރި ނެތުން އެއީވެސް ހަފީޒާގެ މައްސަލައެކެވެ.
"ނިޔާޒް ހުންނަންޖެހޭނީ މިގޭގައި، އޭނާ ބަލިހާލުގައި ޖެހި ނިކަމެތިވީ ދުވަހު އަހަރެން އޭނާ ދޫކޮށްލައިފިއްޔާ ދުނިޔެވެސް މަށަށް ލައުނަތްދޭނެ" އިބްރާހިމް ބުންޏެވެ.
" މިހާރު ދުނިޔެ ދޭ ލައުނަތް ކުޑަތަ! އަނބިމީހާ އާއި ދަރީންނަށްވުރެ ކަލޭ ނިޔާޒް މާބޭނުން. އޭނާއާއި ނުލައި ނޭވާއެއްވެސް ނުލެވޭ. އަނެއްކާ....." ހަފީޒާގެ ޖުމުލަ ނުނިމެނީސް އިބްރާހީމް ހަޅޭލަވައިގަތެވެ. ދަރީންގެ ކުރިމަތީގައި އެވަރުގެ ބޮޑު ބަދުނާމެއްވެސް އޭނާގެ ބޮލުގައި އަޅުވަން ހަފީޒާއަށް ކެރިއްޖެ ހެއްޔެވެ؟ ދޮށީ ދަރިފުޅު ސާއިމް ނުކުމެ ކޮޓަރީގެ ދޮރުމަތީގައި ހުއްޓުނެވެ. އިބްރާހީމްގެ ލޮލަށް ކަރުނަ ޖަމާވިއެވެ. ހަޤީގަތްތައް ހާމަކުރަން ނިޔާޒް ކިތަންމެ ނޭދުނަސް ވަގުތު ޖެހުނީއެވެ. ހުރިހާ މަގެއް ބަންދުވީއެވެ. ނިޔާޒް އެކަނި ދުނިޔެއަށް ދޫކޮށްލާކަށް އިބްރާހީމަކަށް ނުކެރޭނެއެވެ. އެހެން ކަމަށްވާނަމަ އޭނާ ވަނީ ހެޔޮކަމަކަށް ތެޔޮހަމެއް ދިން މީހަކަށެވެ.
" ނިޔާޒްއަށް މިގޭގައި ނޯވެވެންޏާ ކަލޭމެން އެކަކަށްވެސް މިގެއަކު ނޫޅެވޭނެ." އިބްރާހީމް ކުރެހިފައިވާ އަޑުން ބުންޏެވެ.
"އިރަކު އޭނަ އެހީތެރިވީ ކަމަށްވިޔަސް އެއީކީ މުޅި އުމުރަށް އޭނާ ބަލަންޖެހޭ ކަމެއްނޫން" ނުރުހުމާއި އެކު ހަފީޒާ ބުނި އެޖުމުލަ އަޑުއަހާފައި އިބްރާހީމްގެ ހިތަށް ތަދުވިއެވެ. މިދުވަސް ނުދައްކަވައި އޭނާގެ ދަރީން ދަތިކަމާއި ފަޤީރުކަމުގެ ތެރޭގައި ޔަތީމް ހާލުގައި ވުމަށް އެދުވަހު ﷲ ތަބާރަކަ ވަތަޢާލާ އޭނާގެ މަރު ހިއްޕެވި ނަމައޭ ހިތައްއެރިއެވެ. ހަފީޒާ ލޯބިވަނީ ފައިސާއާއި މުދާދެކެ ކަމާއި އިބްރާހިމްދެކެ ނޫންކަން މާކުރިންވެސް އިބްރާހިމްއަށް އެނގެއެވެ. އެހެން ނަމަވެސް އޭނާ ދަރީންގެ ހައްޤުގައި ދިރިއުޅުނީއެވެ. އެދިރިއުޅުން ބިކަވެ ރޫޅިދާން ނޭދޭތީ ނިޔާޒް އޭނާއަށް އެހީތެރިވެ ދިނީއެވެ. އޭނާގެ ދެދަރީން ކުޑައިރު އިބްރާހީމަށްވުރެ ގިނައިން އެކުދިން ގޮވައިގެން އުޅުނީ ނިޔާޒެވެ. ގިނަ ޚަރަދުވެސް ކުރީ ނިޔާޒެވެ. ބޯޓު ދަތުރުކޮށްފައި މާލެ އަންނަ ކޮންމެ ފަހަރަކު އެކުދިންނަށް ނަންހުސްކޮށް އޭނާ އެއްޗެހިގެންނާނެއެވެ. ކުޅޭ އެއްޗިއްސާއި ހެދުމެވެ. މެޓަޔާއި ޗޮކްލެޓެވެ. ތެދަށް ބުނާނަމަ އިބްރާހިމް އަށްވުރެ ބޮޑަށް އެދެކުދިން ދެކެ ނިޔާޒް ލޯބިވެއެވެ. އުފަންދަރިއަކުވެސް ނެތުމާއި ދަރިއަކު ލިބޭނެކަމުގެ އުންމީދެއްވެސް ނެތުމާއި އެކުގައެވެ.
އިބްރާހިމް ގެއިން ނުކުތެވެ. ނިޔާޒްގެ ހާލެއް ނުބަލައި އޭނާއަކަށް ނުހުރެވޭނެއެވެ. އެއީ އޭނާގެ ހަމައެކަނި މިދުނިޔޭގެ ރަހުމަތްތެރިއެއް ނޫނެވެ. ދެދުނިޔޭގެވެސް ރަހުމަތްތެރިއަކަށްވުން އެދޭ މީހެކެވެ. ނިޔާޒް އޭނާއަށްވެދިން އެހީތެރިކަމާއި ކޮށްދިންހާ ހެޔޮކަމުގައި ބަދަލުގެ އަގަކީ އޭނާއަށް އަދާކުރެވޭނެ އެއްޗެއް ނޫނެވެ.
ގުރައިދޫއަށްދާ ފެރީއަށް އިބްރާހިމް އެރިއެވެ. ދިގުދަތުރެއް ކޮށްފައި އެދަތުރުގެ ވަރުބަލިކަން ނުފިލަނީސް އަނެއް ދަތުރަށް އޭނާފެށީއެވެ. އެކަމަކު އެއީ ކޮންމެހެންވެސް އޭނާ ކުރަންބޭނުންވާ ދަތުރެކެވެ. އޭނާ އަންނާނީ ނިޔާޒްގޮވައިގެންނެވެ. ޅަދުވަހުވެސް ނިޔާޒް އުޅުނީ އެފަދަ ތަނެއްގައެވެ. ތިމާގެ މީހަކު ރައްޓެއްސަކު ނެތްތަނެއްގައެވެ. މިއަދު އިބްރާހިމްގެ ދިރިއުޅުން އާބާދުކޮށްދީ އޭނާގެ ހަޔާތަށް އުފާވެރިކަމާއި ތަނަވަސްކަން ގެނެސްދީފައި އެފަދަ އެކަހެރިތަނެއްގައި ހަޔާތުގެ ފަހުދުވަސްތައް ނިޔާޒް ގުނަން ދޫކޮށްލުމަކީ އިންސާފެއް ނޫނެވެ. ގާތްރަހުމަތްތެރިންނަކީ އެކަކު އަނެކަކަށް ހާލެއްޖެހޭ ދުވަހު އެހީވާ މީހުންނެވެ. އިބްރާހިމް ހާލުގައި ޖެހުނު ކޮންމެ ވަގުތަކު ނިޔާޒް އެހީތެރިވިއެވެ. އެހެން ހުރިހާކަމެއް ދޫކޮށް އިބްރާހީމަށް ހޭހަންކުރުމުގައި ވަގުތުތައް ދުއްވާލިއެވެ. ވީއިރު މިފަހަރަކީ އިބްރާހިމް ނިޔާޒަށް އެހީތެރިވާންޖެހޭ ފަހަރެވެ. އޭނާއަށް ސަހަރޯވެރިވާންވީ ވަގުތެވެ. ނިޔާޒްގެ ސަބަބުން މިއަދު އިބްރާހީމަށް ހަމައެކަނި ތަނަވަސް ދިރިއުޅުމެއް ލިބުނީއެއް ނޫނެވެ. ދަރިންނަށް ކިޔަވައިދެވުނީވެސް ނިޔާޒް އޯގާތެރިކަމާއި ދީލަތި ކަމުންނެވެ. ޔަތީމުން ކަމުގައި ނުވެ އެދަރީން އުފަލުގައި ދިރިއުޅޭތަން ދެކެން އެކުދީންގެ ބައްޕަ މިއަދު ދުނިޔޭގައި ހުރީވެސް ނިޔާޒްގެ އޯގާތެރިކަމާއި ދީލަތިކަމާއި އެހީތެރިކަމުންނެވެ. އެކަން ނޭނގެނީ ދުނިޔެއަށެވެ. ދުރު ތިބީންނަށެވެ. އިބްރާހިމްގެ ދަރީންނާއި އަނބިމީހާ އަށެވެ. އިބްރާހީމަށްޓަކައި ނިޔާޒްވީ އެންމެ ގުރުބާނީއެއް ނޫނެވެ. އެތައް ޤުރުބާނެކެވެ. ތެދެކެވެ. މިބިމުގައި ﷲ ތަޢާލާ މަލާއިކަތުންގެ ދަރަޖައިގައި އިންސާނަކު ލައްވާނެނަމަ އެމީހަކީ ނިޔާޒްކަމުގައި ވާނެއެވެ.
ފެރީދޯނި ގުރައިދޫއަށް ލެފުމާއި އެކު ހަލުވި ފިޔަވަޅުގައި އިބްރާހީމް ދިޔައީ ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒަށެވެ. އެތަނުގެ މުވައްޒަފުންނާއި ވާހަކަ ދައްކައިގެން ނިޔާޒް އޮތްތަނަށް އިބްރާހީމަށް ދެވުނީވެސް ބައިގަޑިއެއްހާ އިރު ފަހުންނެވެ. އޭރު ނިޔާޒަށް އޮތީ ނިދިފައެވެ. ނިޔާޒް ހޭލައްވާކަށް އިބްރާހިމް ބޭނުމެއް ނުވިއެވެ. އެހެންވެ ނިޔާޒްއޮތް އެނދުގެ ކައިރީގައި ހުރި ގޮނޑިއެއްގައި އޭނާ އިށީނެވެ.
ނިޔާޒްގެ މޫނަށް އިބްރާހިމް ފުންކޮށް ބަލާލިއެވެ. އެމޫނުގެ އުޖާލާކަންވަނީ ކެނޑިފައެވެ. ހިތާމަޔާއި ހިތްދަތިކަމާއި އެކަނިވެރިކަން އެމޫނުން ފާޅުކޮށްދެއެވެ. އިބްރާހިމް ފެންކަޅިވިއެވެ. ނިޔާޒްގެ ހާލަށްޓަކައެވެ. ނިޔާޒަށް އެންމެ އެހީތެރިކަން ބޭނުންވެފައިވާ ވަގުތު މިކަހަލަތަނަކަށް އޭނާ ދޫކޮށްލަންޖެހުނީތީއެވެ. ނިދީގެ ތެރޭގައި ނިޔާޒް އަތްދަމާލި ގޮތުން ލައިގެން އޮތް ގަމީސް ރޫޖެހުނެވެ. އަދި މީގެ 18 ވަރަކަށް އަހަރުކުރިން ކޮށްފައިވާ އޮޕަރޭޝަނުގެ ލަކުނު އޭނާގެ ބަނޑުން އިބްރާހިމަށް ފެނުނެވެ. އެއާއިއެކު ހިފެހެއްޓުމެއް ނެތް ކަރުނަތައް އިބްރާހިމްގެ ލޮލުން ނީރާލިއެވެ.
އެލަކުނަކީ ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަންކުރި ލަކުނެވެ. މީގެ 18 އަހަރު ކުރިންނެވެ. އިބްރާހިމް ބަލިވެ އުޅުނު ދުވަސްތަކާއި އެދުވަހުގެ ވޭންތައް އިބްރާހިމްގެ ހަނދާނަށް އަނެއްކާވެސް ގެނުވީ ނިޔާޒުގެ އޯގާތެރިކަމާއި ދީލަތިކަމެވެ. އޭނާ ބޭރުދަތުރުކޮށް އެއްކުރި ފައިސާއިން އެދުވަސްތަކުގައި އިބްރާހިމްގެ ދެދަރީންނަށް ޚަރަދުކޮށްދީ ބެލެހެއްޓިއެވެ. އިބްރާހިމްގެ ދެކިޑްނީ ފެއިލްވީކަމަށް ރާއްޖޭގެ ޑޮކްޓަރުން ބުނުމުން އިބްރާހިމް ގޮވައިގެން އިންޑިޔާއަށް ދިޔައެވެ. ކިޑްނީ ބަދަލުނުކޮށް ސަލާމަތް ނުވާނެކަމުގައި ޑޮކްޓަރުން ބުނުމުން ހުރިހާ ޚަރަދެއް ކޮށްދިނުމުގެ އިތުރުން ކިޑްނީއެއްވެސް ދިނީ ނިޔާޒެވެ. އެދުވަހު އޭނާ އެހުރިހާ ޚިދުމަތެއް ކޮށްދިނީ އަގަކަށް ބަދަލަކަށް އެދިގެން ނޫނެވެ. މިދުނިޔޭގައި އިބްރާހިމް ނޫން މީހަކު އޭނާގެ ނެތަތީއެވެ. ގާތްރަހުމަތްތެރިޔާ އޭނާގެ ލޮލުގެ ކުރިމަތީގައި މަރުވެދާން ނޭދޭތީއެވެ. އެރަހުމަތްތެރިޔާގެ ދަރީން ނިކަމެތިވެ ދުނިޔެއަށް ގިނަވާން ނޭދޭތީއެވެ. އެހެނީ މައިންބަފައިންނާއި ނުލައި ދަރިޔަކު ވޭތުކުރާނެ ވޭނީ ދިރިއުޅުން ނިޔާޒަށްވުރެ ބޮޑަށް އެނގޭނީ ކާކަށް ހެއްޔެވެ؟
ނިޔާޒް ދެލޯހުޅުވާލިއެވެ. އިބްރާހީމް ކައިރީގައި އިންދާ ފެނުމުން އޭނާގެ މޫނަށް އުފާވެރިކަމުގެ ކުލަވަރު ފާޅުވިއެވެ.
"އަހަރެންނަށް އެނގޭ ކޮންމެތާކު އަހަރެން އޮތަސް ހޯދާނެކަން" ހީލަމުން ނިޔާޒް ބުންޏެވެ.
އިބްރާހިމް ދެންވެސް ހިމޭނުން އިނެވެ. އަދި ނިޔާޒުގެ އަތުގައި ހިފަހައްޓާލަމުން ކުރެހިފައިވާ އަޑުން މައާފްކުރާށޭބުންޏެވެ. އަދި އޭނާ އައީ ނިޔާޒް ބަލައިކަމުގައިވެސް ބުންޏެވެ. އެކަމަކު ޖަވާބުގައި ނުދާނަމޭ ބުނާގޮތަށް ނިޔާޒް ބޯހޫރާލިއެވެ. އިބްރާހިމް ހިތުގައި ޖެހުނެވެ. އޭނާގެ ރަހުމަތްތެރިޔާ ހިތުގައި ޖެހިފައިވާކަން އެނގުމުންނެވެ. އޭނާގެ ދަރީންނާއި އަނބިމީހާ ނިޔާޒްއާއި ދޭތެރޭ ރަނގަޅަށް ކަންތައް ނުކުރާކަން އެނގޭތީއެވެ. އަދި އެހިތާމަ ނިޔާޒުގެ ހިތުގައި އޮތްކަންވެސް އެނގުމުންނެވެ.
"މިތަން މާރަނގަޅު، އަހަރެން ބެލެހެއްޓޭ ވަރަށްވުރެ އިބޫގެ ޒިންމާތައް ބޮޑުވާނެ. މިތާ އޮތީމަ ޚަރަދުވެސް ކުޑަވާނެ. އަހަރެންގެ ޝަކުވާއެއް ނެތް. ކުދިން ބޭނުންގޮތެއް ހަދައިދީ. އަހަރެންވެސް ހަމަ އިބޫ އާއި އެއްވަރަށް އެކުދިންދެކެ ލޯބިވޭ. އެކުދިންގެ އުފާތަކާއި މުސްތަޤުބަލަށް އެޅޭ ހުރަހަކަށް ވާކަށް ނެތިން" ނިޔާޒް ބުންޏެވެ. އިބްރާހީމްއަށް ރޮވުނެވެ. އެކުވެރިޔާގެ ރަނގަޅުކަމުންނެވެ. ކަންކަމާއި މެދު އޭނާ ވިސްނާ ގޮތުންނެވެ. އެކަމަކު ނިޔާޒް އެހާލަށް ދޫކޮށްލާކަށް އޭނާއަކަށް ނުކެރޭނެއެވެ.
"ނޫން. މިތާ ނިޔާ ބާއްވާކަށް އަހަރެން ބޭނުމެއް ނޫން. މިތަނަކީ އަޅާލާނެ އެއްވެސް މީހަކު ނެތް މީހުން ތިބޭތަނެއް. ނިޔާ އަހަރެންގެ ދިރިއުޅުން ކޮޅަށް ޖަހައިދިނީ. އަހަރެންގެ ފުރާނަ ސަލާމަތްކޮށްދިނީ." އިބްރާހީމް ބުންޏެވެ.
"އަހަރެންގެ އެއްވެސް މީހަކު ނެތެއްނު." ދެލޯ މަރާލަމުން ނިޔާޒް ބުންޏެވެ.
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް