އެއްލައްކަ ރުފިޔާގެ ނަގުދު ފައިސާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލްއިން ފަށައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ބޭންކް އޮފް މޯލްޑިވްސް އާއި މާސްޓަރކާޑު ގުޅިގެން، 100,000 ރުފިޔާގެ ނަގުދު ފައިސާގެ އިނާމު ލިބޭ ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
ބީއެމްއެލްއިން ބުނީ، މި ޕްރޮމޯޝަން ކުރިއަށްދާނީ 6 ޖުލައި އިން ފެށިގެން 31 އޮގަސްޓް 2026 ގެ ނިޔަލަށް ކަމަށެވެ. މި މުއްދަތުގެ ތެރޭގައި އަލަށް ބީއެމްއެލް މާސްޓަރކާޑު ޑެބިޓް ކާޑަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ. މި ޕްރޮމޯޝަނުގެ ގުރުއަތުގައި ހިމެނުމަށް، ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތައް ނުވަތަ ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް، މާސްޓަރކާޑު ބޭނުންކޮށްގެން މަދުވެގެން 200 ރުފިޔާގެ މުއާމަލާތެއް ފުރިހަމަކުރަންޖެހޭނެ ކަމުގައި ބީއެމްއެލްއިން މައުލޫމާތު ދެއެވެ.
ކަސްޓަމަރުން ކުރާ ވިޔަފާރީގެ ހޭދަ އިތުރުކޮށްގެން ގުރުއަތުގައި ބައިވެރިވުމަށް ލިބޭ ފުރުސަތުތައް އިތުރުކުރެވޭނެއެވެ. އެގޮތުން ހަފުތާއަކު 1,000 ރުފިޔާ ހަރަދުކުރުމުން އިތުރު އެއް ފުރުސަތު ލިބޭނެއެވެ. އަދި މަހެއްގެ ތެރޭގައި 5,000 ރުފިޔާ ހަރަދުކުރުމުން ވެސް އިތުރު ފުރުސަތެއް ލިބޭނެއެވެ.

ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރި 10 ފަރާތަކަށް، ކޮންމެ ފަރާތަކަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ. މި ފައިސާ ސީދާ އެ ފަރާތްތަކުގެ ބީއެމްއެލް އެކައުންޓަށް ޖަމާކުރެވޭނެއެވެ.
ބީއެމްއެލް މާސްޓަރކާޑު ޑެބިޓް ކާޑަކީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރުމަށާއި ފައިސާ ނެގުމަށް ބޭނުންކުރެވޭނެ ކާޑެކެވެ. ރާއްޖޭގައި މި ކާޑު ބޭނުންކޮށްގެން ދިވެހި ރުފިޔާ އެކައުންޓްތަކުން ދުވާލަކު 25,000 ރުފިޔާއާ ހަމައަށް އަދި ޑޮލަރު އެކައުންޓްތަކުން 1,600 ޑޮލަރާ ހަމައަށް ފައިސާ ނެގޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް